އެފްއޭއެމްގެ އިސްވެރިންގެ މައްޗަށް ތުހުމަތުކުރެވޭ ޚިޔާނާތުގެ މައްސަލައިގައި ޕީޖީ އޮފީހުން ފުލުހުންނާއެކު މަސައްކަތް ކުރަމުން ގެންދާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ.

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އެފްއޭއެމްގެ މާލީ މުއާމަލާތްތަކާއި ގުޅޭ ތަޙުޤީޤެއް ފުލުހުން ފަށާފައިވަނީ ބައިނަލްއަޤުވާމީ ފުޓްބޯޅަ އިދާރާތަކުން އެފްއޭއެމަށް ފޮނުވާ ފައިސާ، އަމިއްލަ މީސްމީހުންގެ އެކައުންޓުތަކަށް ފޮނުވައި، މަނީ ލޯންޑަރިން އާއި ޚިޔާނާތަށް ތުހުމަތުކުރެވޭ ކަންތައްތަކެއް ހިންގާ ކަމަށް ތުހުމަތުކުރެވިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އަމުރަކަށެވެ.

އެމައްސަލައިގެ މަޢުލޫމާތު މިއަދު ޙިއްސާކުރަށްވަމުން ޕީޖީ ޝަމީމް ވިދާޅުވީ އެމައްސަލާގައި ތުހުމަތު ކުރެވެނީ އެފްއޭއެމްގެ އިސް ބައެއް ވެރިންގެ މައްޗަށް ކަމަށާއި ބައެއް މީހުން ރާއްޖެއިން ފުރުން މަނާކުރުމުގެ އަމުރު ނެރުމަކީވެސް އެކަށީގެންވާ ކަމެއްކަމަށެވެ.

ޝަމީމް ވިދާޅުވީ، މަނީލޯންޑަރ ކުރިކަމަށް ތުހުމަތު ކުރެވޭ މި މައްސަލައިގައި ފުލުހުންނާއެކު ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މަސައްކަތް ކުރެވެމުންދާ ކަމަށެވެ.



"އަޅުގަނޑުމެން އުއްމީދު ކުރަނީ ކުރިއަށް އޮތް ހަފުތާ ދެ ހަފުތާއެއްހާ ދުވަސް ތެރޭ އެ މައްސަލައިގައިވެސް ކޯޓަށް މައްސަލަ ވެއްދޭ ވަރަށް ހެކި ހޯދިދާނެ ކަމަށް،" ޝަމީމް ވިދާޅުވިއެވެ.

އެފްއޭއެމަށް ޑޮލަރުން ލިބޭ ފައިސާ އެތަނުގެ ވެރިންނާ ގާތް ގުޅުމެއް އޮންނަ މީހެއްގެ ކުންފުންޏެއްގެ އެކައުންޓަށްވެސް ފޮނުވާފައި ހުންނަކަމާއި އެހެން ފޮނުވާ ފައިސާގެ ބަދަލުގައި އެފްއޭއެމަށް ފައިސާ ލިބިފައި ނުހުންނަކަން ވެސް ތަހުގީގަށް އެނގިފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ޕީޖީ އޮފީހުން މީގެކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކި ފަރާތްތަކުން އެފްއޭއެމަށް ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ޚިޔާނާތްތެރިވެ، ކުށުގެ އަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލަ ތަހުގީގު ކުރަން ފުލުހުންގެ ޚިދުމަތަށް އަމުރުކޮށްފައިވާ ކަމަށެވެ. އަދި އެކަމުގެ ތެރެއިން އެއްވެސް ހިސާބެއްގައި މަނީ ލޯންޑަރިންއާއި ވައްކަމާއި ހިޔާނާތާއި މަކަރާ ހީލަތުގެ ނުވަތަ އެ ނޫން ވެސް ޖިނާއީ ކުށެއްގެ މައްސަލައެއް ހިނގަމުންދާ ނަމަ އެ ކަމެއް ތަހުގީގުކޮށް، އެ މައްސަލައިގައި ދައުވާ ކުރެވެން އޮތް ބައެއްގެ މައްޗަށް ދައުވާކުރަން ފޮނުވުމަށް އަމުރުކޮށްފައިވާނެ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

ޕީޖީ އޮފީހުގެ ބަޔާނުގައިވާ ގޮތުން ދިވެހިރާއްޖެއަކީ، ބޭރު ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކާ ގާތް ގުޅުމެއް ބާއްވާ ގައުމަކަށްވެފައި، އެ އިދާރާތަކުގެ އިތުބާރާއި ޔަގީންކަން ދައުލަތުގެ މުއައްސަސާތަކަށް ލިބިފައި އޮތުމާއި އެ ކަންކަން އެ މަގަށް ހިނގުމަށް ދައުލަތުގެ އިދާރާތަކުގެ ނަޒާހާތްތެރިކަމާއި އިންސާފުވެރިކަން އަބަދުމެ ކަށަވަރުވެފައި އޮތުމަކީ މުޅި ދިވެހި ދައުލަތުގެ ގައުމީ މަސްލަހަތާ ސީދާގޮތުން ގުޅުން ހުރި ކަމެއް ކަމަށެވެ.

އެގޮތުން ދިވެހިރާއްޖެއާ މުއާމަލާތްކުރާ ބައިނަލްއަގުވާމީ އިދާރާތަކުން، ވަކި ހަމަތަކަކާއި އުސޫލުތަކެއްގެ ދަށުން ފޮނުވާ ފައިސާ، އެ ކަމަށް ދިވެހިރާއްޖޭގައި ހެދިފައިވާ އުސޫލުތަކާއި ގާނޫނުތަކާ ހިލާފަށް، ކުށްކުރުމަށް ނުވަތަ ކުށްކުރުމަށް ފަހިވާ ގޮތަށް ބޭނުންކުރެވޭކަމުގެ ތުހުމަތެއް އޮތުމަކީ ޕްރޮސިކިއުޓާ ޖެނެރަލް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެފްއޭއެމްއާ ގުޅޭ ސީރިއަސް ތަހުގީގު ތަކެއް ކުރެވެމުން އަންނަނިކޮށް މި ހަފްތާ ތެރޭ އެފްއޭއެމްގެ ސެކެރަޓަރީ ޖެނެރަލް ހުސެއިން ޖަވާޒުވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން