ޝެއިޚް ޒަމްޒަމް ފާރިޝް
ޝެއިޚް ޒަމްޒަމް ފާރިޝް
ދީނީ ޢިލްމުވެރިޔާ ޝައިޚް ޒަމްޒަމް ފާރިޝް އާއި ގުޅޭގޮތުން ރާއްޖޭގެ މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވާ މައްސަލާގައި ފުލުހުން ޢާއްމު ޖަވާބެއް ދީފިއެވެ.

ރާއްޖޭގެ މީޑިއާތަކުގައި ރޭ ރިޕޯޓް ކޮށްފައިވަނީ އަރަބިއްޔާ ސްކޫލްގެ ޓީޗަރެެއް ކަމަށްވާ ޒަމްޒަމް ފާރިޝް، އެ ސްކޫލްގެ ދަރިވަރުންތަކަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އެޑިއުކޭޝަން މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެކަމާގުޅިގެން ފުލުހުންނާ ސުވާލުކުރުމުން މިއަދު ބުނެފައިވަނީ ޢުމުރުން 39 އަހަރުގެ މީހެއްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައެއް 2023 ނޮވެމްބަރ 8 ވަނަ ދުވަހު ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ. ހަމައެއާއެކު އެކަމާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ މީޑިއާގައި ރިޕޯޓު ކުރުމާގުޅިގެން ޒަމްޒަމް ފާރިޝް މީސް މީޑިއާގައި ބުނެފައިވަނީ “އިންޑިއާ އައުޓު” މައްސަލައިގައި ވެސް ބަޔަކުމީހުން އުޅުނީ އޭނާ ފްރޭމްކުރަން ކަމަށެވެ. ނަމަވެސް އެކަމުގައި ވީ ކާމިޔާބެއް ނެތްކަމަށް ފާރިޝް ބުނެފައިވެއެވެ.

“މިހާރު ވެސް އުޅެނީ ފްރޭމް ކުރަން. މަތީފަޑި ބަދަލުވިޔަސް ތިރިއޮތީ އަދިއޮތީ ހަމަ އޮތް ގޮތަށް. އިންޝާﷲ ޙަޤީޤަތް ހާމަވާނެ. ފަހަތުގައި ތިބި މީހުންވެސް ހާމަވާނެ.” ފާރިޝް ބުނެފައިވެއެވެ.

ފާރިޝް ވަނީ އޭނާ އާއި "މުބާހަލާ" ކުރަން އައުމުގެ ދަޢުވަތުވެސް އޭނާގެ މައްޗަށް ތުހުމަތުކުރާ ފަރާތްތަކަށް ދީފައެވެ.

މި މައްސަލާގައި ނިއުޅެމުންދާ ތަފްސީލުތަކަށް ބަލާއިރު އެ މައްސަލައިގެ ރިޕޯޓް ފުލުހުން އެޑިއުކޭޝަން މިނިސްޓްރީ އަށް ހުށަހެޅީ މިދިޔަ ނޮވެމްބަރ މަހުގެ 14 ވަނަ ދުވަހު އެވެ. ކުރީގެ ސަރުކާރުގެ މުއްދަތު މިދިޔަ ނޮވެމްބަރ މަހުގެ 17 އަށް ހަމަވެ، މިހާރުގެ ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުގެ ސަމާލުކަމަށް އެ މައްސަލަ ގެނައީ އޭގެ ތިން ދުވަސް ފަހުން މިދިޔަ މަހުގެ 19 ގަ އެވެ.

މި މައްސަލާގައި ދަރިވަރުންގެ ބަޔާންތައް ނަގާފައިވާއިރު، އޭނާއަށް ތުހުމަތު ކުރަނީ އަންހެން ދަރިވަރުންނަށް ޖިންސީ ފުރައްސާރައަށްވާ ގޮތަށް ވާހަކަތައް ދައްކައި ގުޅުން ބަދަހިކުރަން މުޢާމަލާތްކުރުމާއި ފިރިހެން ކުދިންނަށް ފުރައްސާރަކުރުމެވެ.

މީގެ ކުރިން ރައީސް ޞާލިޙްގެ ސަރުކާރުގައި “އިންޑިއާއައުޓް” ޝިޢާރު ފާޅުކުރުން މަނާކޮށް ރައީސް ނެރުއްވި ޤަރާރާ ދެކޮޅަށް ޝުޢޫރު ފާޅުކުރުމުން ތަޢުލީމާބެހޭ ވުޒާރާއިން ޒަމްޒަމް ސަސްޕެންޑް ކޮށްފައިވެއެވެ. ނަމަވެސް ފަހުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ވަނީ އޭނާ ސަސްޕެންޑް ކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައިފަ އެވެ.

މަޢުލޫމާލު ލިބިފައިވާ ގޮތުގައި ޒަމްޒަމް ފާރިޝް މިހާރު ވަނީ އަރަބިއްޔާ ސްކޫލުން ވަކިވާން ނިންމައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން