މާލޭސިޓީ މޭޔަރ ޕްރައިމަރީއަށް ކުރިމަތިލުމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީޕީއެމް ކޯލިޝަނުން ހުޅުވާލައިފިއެވެ.

ޕީޕީއެމުން މިއަދު ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމާއި، މާލޭގެ ސިޓީ ކައުންސިލްގެ ހުސްވެފައިވާ 3 މެންބަރުންގެ މަޤާމަށް ވާދަކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލްގެ ހުސްވެފައިވާ ދާއިރާތަކަކީ، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، މެދުހެންވޭރު ދާއިރާ އަދި ހެންވޭރު ދެކުނު ދާއިރާގެ އަންހެނުންނަށް ޚާއްސަ ގޮނޑިއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ބުނީ މި މަގާމުތަކަށް ވާދަކުރަން ބޭނުންވާ ފަރާތްތަކުން ނޮވެންބަރު 30 އިން ޑިސެންބަރު 4 ވާ ހޯމަ ދުވަހުގެ 15:00 ގެ ނިޔަލަށް އެކަމަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.

“މި މަޤާމުތަކަށް ވާދަކުރާ މީހުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އޮންނާނީ މިމަހުގެ 9 ވަނަ ދުވަހުއެވެ. ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގައި ހިމެނޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ މެންބަރުންގެ ތެރެއިން މާލޭ ސިޓީގެ މޭޔަރުކަމާއި، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، މެދުހެންވޭރު ދާއިރާ އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ކަމަށް ޝައުޤުވެރިވާ މެންބަރުން އެކަމަށް އެދި ފޯމު ހުށައެޅުއްވުން އެދެމެވެ.” ޕީޕީއެމުން ބުނެފައިވެއެވެ.

މި ޕްރައިމަރީގައި ވޯޓުލެވޭނީ ޑިސެންބަރު 1 ގެ ނިޔަލަށް އެކޯލިޝަންގެ ދެޕާޓީން ކުރެ ޕާޓީއެއްގެ މެންބަރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ މެންބަރުންނަށްކަމަށް އިޢުލާނުގައި ވަނީ ބުނެފައެވެ.

މާލޭ ސިޓީގެ މޭޔަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން