ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ މުގައްރިރަކަށް ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލް ޣަފޫރު މޫސާ އިންތިހާބުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީއަށް މުޤައްރިރަކު އިންތިޚާބު ކުރަން ޖެހުނީ، އެ މަޤާމުގައި ހުންނެވި މުހައްމަދު އަސްލަމް މަޖިލީހުގެ ރައީސްކަމަށް އިންތިޚާބު ކުރުމާ ގުޅިގެންނެވެ. މަޖިލީހުގެ ޤަވާއިދު ބުނާގޮތުން މަޖިލީހުގެ ރައީސަށް މަޖިލީހުގެ ކޮމިޓީއެއްގައި މަސައްކަތެއް ނުކުރެވޭނެއެވެ.

ކޮމިޓީގެ މުގައްރިރަކަށް ޣަފޫރު އިންތިހާބު ކުރީ މިއަދު ބޭއްވި އެކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުގެ 241 ކޮމިޓީއަކީ ގާނޫނު އަސާސީގެ 241 ވަނަ މާއްދާއިން ބާރުލިބިގެން އުފައްދާފައިވާ ކޮމިޓީއެކެވެ.

ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ މަސްއޫލިއްޔަތަކީ، ޤައުމުގެ ސަލާމަތީ ޚިދުމަތްތައް ހިނގާ ނުހިނގާގޮތް ބެލުމާއި، ގައުމީ ސަލާމަތުގެ ކަންކަން ދިރާސާކުރުމާއެކު ގައުމީ ސަލާމަތުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލެއް އޮތްނަމަ އެކަމެއް ފާހަގަކޮށް އެކަމެއް މަޖިލީހަށް ހުށައެޅުމެވެ. އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، މޯލްޑިވްސް ޕޮލިސް ސަރވިސް، މިނިސްޓްރީ އޮފް ޑިފެންސް، މިނިސްޓްރީ އޮފް ހޯމް އެފެއާޒް އަދި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާ ގުޅުންހުރި ކަންކަން ކުރުމެވެ.

މީގެ އިތުރުން އެ އިދާރާތަކާ ގުޅޭގޮތުން ހުށަހަޅާ ބިލުތައް ދިރާސާކޮށް މަޖިލީހުން ރިއާޔަތް ކޮށްދިނުމަށް އެދި ކޮމިޓީގެ ރިޕޯޓު މަޖިލީހަށް ހުށަހެޅުމާއި، އެ އިދާރާތަކުގެ އަހަރީ ރިޕޯޓުތައް ދިރާސާކުރުން ވެސް ހިމެނެއެވެ. އަދި އިސްލާހު ކުރަންޖެހޭ ކަންކަން ފާހަގަކޮށް އެކަންކަން އެންގުމާއި، އެ އިދާރާތަކުން ހުށަހަޅާ މައްސަލަތައް ދިރާސާކޮށް، އެ ކަންކަމުގައި ކުރިއަށްދެވިދާނެ ގޮތުގެ ލަފާދިނުންވެސް ކޮމިޓީގެ މަސްއޫލިއްޔަތްތަކުގެ ތެރޭގައި ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން