ކުށުގެ ރެކޯޑް ސާފުކުރުމަށް އިއްޔެ އެކަނިވެސް ޕީޖީ އޮފީހަށް 3930 ފޯމު ހުށައަޅާފައިވާ ކަމަށް އެއޮފީހުން ހާމަކޮށްފިއެވެ.

ޕީޖީ އޮފީހުން ބުނީ، ސަރުކާރު ޙިއްސާވާ ކުންފުންޏެއްގެ ހުރިހާ މުވައްޒަފުންގެ ކުށުގެ ރެކޯޑު ސާފުކުރުމަށް އެދި ހުށަހެޅުމާ ގުޅިގެން، އެއޮފީހުގެ ކުށުގެ ރެކޯޑް ސާފުކޮށްދިނުމުގެ އޮންލައިން ނިޒާމު މިވަގުތު ތޮއްޖެހިފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެއޮފީހުން ފޯރުކޮށްދޭ އެހެން ޚިދުމަތްތަކަށްވެސް އިއްޔެ ބުރޫއެރިކަމަށް އެ އޮފީހުން މަޢުލޫމާތު ދެއެވެ.

ޕީޖީ އޮފީހުން ބުނީ، ކުށުގެ ރެކޯޑު ސާފުކުރުމަށް އެދި، އެއޮފީހަށް އޮންލައިންކޮށް ހުށަހަޅާ މައްސަލަތަކުގައި ޢާންމުގޮތެއްގައި އެއް ދުވަހުގެ ތެރޭގައި ރެކޯޑު ސާފުކޮށްދޭ ކަމަށެވެ. ނަމަވެސް އިއްޔެ އެކަނިވެސް 3930 ފޯމު ލިބުނުކަމަށާއި، ރޭގަނޑާ ހަމައަށް މަސައްކަތްކޮށްގެން އިއްޔެ ނިންމާލެވުނީ އޭގެ ތެރެއިން 3419 ފޯމު ކަމަށްވެސް ޕީޖީން ވަނީ ބުނެފައެވެ.

"ޢާންމު ގޮތެއްގައި އަހަރަކު، ޕީޖީ އޮފީހުން ކުށުގެ ރެކޯޑު ސާފުކޮށްދެނީ ޖުމްލަ 13 ހާހެއްހައި ފޯމެވެ. އިއްޔެ އެކަނި މިއޮފީހުން 3930 ފޯމު ލިބުނެވެ. އެއީ ގާތްގަނޑަކަށް އަހަރަކު އަންނަނާނެކަމަށް އަންދާޒާކުރާ ފޯމުގެ 30 ޕަސެންޓު ފޯމެވެ." ޕީޖީ އޮފީހުން ހާމަކޮށްފައިވެއެވެ.

ޕީޖީ އޮފީހުން ބުނީ، އެހެންކަމުން މިދުވަސްކޮޅު ރެކޯޑު ސާފުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާނީ، ރަސްމީ މަސައްކަތު ވަގުތުގައި އެކަނި ކަމަށެވެ. އަދި ކޮންމެ ދުވަހަކުވެސް ރަސްމީ ވަގުތު ނިމެންދެން އެދުވަހަކަށް ސާފުކޮށްދެވުނު ވަރަކަށް ސާފުކޮށްދޭނެ ކަމަށާއި، އެއަށްފަހު ޖެހިގެން އަންނަ ދުވަހު އެމަސައްކަތް ކުރާނެކަމަށްވެސް ޕީޖީން ވަނީ ބުނެފައެވެ.

"މިގޮތަށް ގޮސް، މިހާރު އޮތް ފޯމުތައް ކުޑައަޑިވުމުން، ކުރިންވެސް ޚިދުމަތް ދެމުން ގެންދިޔަގޮތަށް ދުވަހުން ދުވަހަށް ފޯމުތައް ސާފުކޮށްދެމުން ގެންދާނަމެވެ. މިފުރުޞަތުގައި، މިޚިދުމަތް ވަގުތީގޮތުން ލަސްވާތީ ޢާންމުންގެ ކިބައިން މަޢާފަށް އެދެމެވެ." ޕީޖީން މަޢުލޫމާތުދެއެވެ.

ޕީޖީ އޮފީހުން މިބީދައިން ބުނެފައިވާއިރު ފެނަކައިގެ ހުރިހާ މުވައްޒަފުންގެ ކުށުގެ ރެކޯޑު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވަނީ ވިދާޅުވެފައެވެ.

ފެނަކައިގެ ހުރިހާ މުވައްޒަފުންގެ ކުށުގެ ރެކޯޑު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، 2019 ވަނަ އަހަރު ފެށުނުއިރު ކުންފުނީގައި 2،756 މުވައްޒަފުން ތިބި ނަމަވެސް މިހާރު އެ ކުންފުނީގައި 8،126 މުވައްޒަފުން ދަނީ ވަޒީފާ އަދާކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން