ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު
ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު
އަރަބިއްޔާ ސްކޫލްގެ ޓީޗަރެެއް ކަމަށްވާ ޒަމްޒަމް ފާރިޝަށް ތުހުމަތު ކުރެވޭ މައްސަލަތަކުގައި އޭނާގެ މައްޗަށް ފިޔަވަޅު އަޅާނީ މައްސަލަ އިތުރަށް ބެލުމަށްފަހު ކަމަށް ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވަނީ އަރަބިއްޔާ ސްކޫލްގެ ޓީޗަރެެއް ކަމަށްވާ ޒަމްޒަމް ފާރިޝް، އެ ސްކޫލްގެ ދަރިވަރުންތަކަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އެޑިއުކޭޝަން މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލާގައި މިނިސްޓަރ ޝަފީޢު ވިދާޅުވީ، ޒަމްޒަމަށް ފިޔަވަޅު އަޅާނީ ލިބޭ އިތުރު މައުލޫމާތަށް ބެލުމަށްފަހު ކަމަށެވެ.

ތުހުމަތު ކުރެވޭ މައްސަލަތަކާ ގުޅިގެން ދީނީ ޢިލްމުވެރިޔާ ޝައިޚް ޒަމްޒަމް ފާރިޝް ވިދާޅުވެފައިވަނީ، މީހުން އުޅެނީ އޭނާ ފްރޭމް ކުރުމަށް ކަމަށާއި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށެވެ. އެގޮތުން "އިންޑިއާ އައުޓު" މައްސަލައިގައި ވެސް ބަޔަކުމީހުން އުޅުނީ އޭނާ ފްރޭމްކުރަން ކަމަށާއި، އެކަމުގައިވެސް ވީ ކާމިޔާބެއް ނެތްކަމަށް ފާރިޝް ވިދާޅުވެފައިވެއެވެ.

“މިހާރު ވެސް އުޅެނީ ފްރޭމް ކުރަން. މަތީފަޑި ބަދަލުވިޔަސް ތިރިއޮތީ އަދިއޮތީ ހަމަ އޮތް ގޮތަށް. އިންޝާﷲ ޙަޤީޤަތް ހާމަވާނެ. ފަހަތުގައި ތިބި މީހުންވެސް ހާމަވާނެ.” ފާރިޝް ވިދާޅުވެފައިވެއެވެ.

ޒަމްޒަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން، ފުލުހުންނާ ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅޫވީ، ޢުމުރުން 39 އަހަރުގެ މީހެއްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައެއް 2023 ނޮވެމްބަރ 8 ވަނަ ދުވަހު ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ. ހަމައެއާއެކު އެކަމާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުންދާ ކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މި މައްސަލާގައި ނިއުޅެމުންދާ ތަފްސީލުތަކަށް ބަލާއިރު އެ މައްސަލައިގެ ރިޕޯޓް ފުލުހުން އެޑިއުކޭޝަން މިނިސްޓްރީ އަށް ހުށަހެޅީ މިދިޔަ ނޮވެމްބަރ މަހުގެ 14 ވަނަ ދުވަހު އެވެ. ކުރީގެ ސަރުކާރުގެ މުއްދަތު މިދިޔަ ނޮވެމްބަރ މަހުގެ 17 އަށް ހަމަވެ، މިހާރުގެ ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުގެ ސަމާލުކަމަށް އެ މައްސަލަ ގެނައީ އޭގެ ތިން ދުވަސް ފަހުން މިދިޔަ މަހުގެ 19 ގައެވެ.

މި މައްސަލާގައި ދަރިވަރުންގެ ބަޔާންތައް ނަގާފައިވާއިރު، ޒަމްޒަމަށް ތުހުމަތު ކުރަނީ އަންހެން ދަރިވަރުންނަށް ޖިންސީ ފުރައްސާރައަށްވާ ގޮތަށް ވާހަކަތައް ދައްކައި ގުޅުން ބަދަހިކުރަން މުޢާމަލާތްކުރުމާއި ފިރިހެން ކުދިންނަށް ފުރައްސާރަކުރުމެވެ.

މީގެ ކުރިން ރައީސް ޞާލިޙްގެ ސަރުކާރުގައި "އިންޑިއާއައުޓް" ޝިޢާރު ފާޅުކުރުން މަނާކޮށް ރައީސް ނެރުއްވި ޤަރާރާ ދެކޮޅަށް ޝުޢޫރު ފާޅުކުރުމުން ތަޢުލީމާބެހޭ ވުޒާރާއިން ޒަމްޒަމް ސަސްޕެންޑް ކޮށްފައިވެއެވެ. ނަމަވެސް ފަހުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ވަނީ އޭނާ ސަސްޕެންޑް ކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން