ދަރުމަވަންތަ ހޮސްޕިޓަލް (ރަސް ފޮޓޯ)
ދަރުމަވަންތަ ހޮސްޕިޓަލް (ރަސް ފޮޓޯ)
މާލޭ ސަރަޙައްދުގެ ހޮސްޕިޓަލްތައް ހިންގާ ބޯޑަށް މެންބަރުން އައްޔަނުކޮށްފިއެވެ.

ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ސޮއިކުރަށްވައި މިދިޔަ ހޮނިހިރު ދުވަހު ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ މާލޭ ސަރަޙައްދުގެ ހޮސްޕިޓަލްތައް ހިންގަމުންދިޔަ ބޯޑުގެ ނަން ބަދަލު ކުރަށްވައި، ބޯޑަށް އައު މެންބަރުން އައްޔަނު ކޮށްފައިވާ ކަމަށެވެ.

"މާލެ ހޮސްޕިޓަލްސް ބޯޑު އޮފް ޓްރަސްޓީސް"ގެ ގޮތުގައި ހިންގަމުންދިޔަ ބޯޑުގެ ނަން މިސަރުކާރުން ބަދަލުކޮށްފައިވަނީ، "މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވާނިން ބޯޑަށެވެ." މި ބޯޑަކީ ދަރުމަވަންތަ ހޮސްޕިޓަލާއި، އައިޖީއެމްއެޗާއި، ހުޅުމާލެ ހޮސްޕިޓަލާއި، ވިލިމާލެ ހޮސްޕިޓަލްގެ ހިންގުން ހަރުދަނާކުރަން އުފައްދާފައިވާ ބޯޑެކެވެ.

ބޯޑުގެ ޗެއާމަނަކަށް މީގެ ކުރިން ވެސް އެ މަގާމުގައި ހުންނެވި ޑޮކްޓަރު އަބްދުލް އަޒީޒް ޔޫސުފް އައްޔަނު ކުރަށްވާފައިވާއިރު، ވައިސް ޗެއާމަނަކަށް އައްޔަނު ކުރަށްވާފައިވަނީ، ގދ. ތިނަދޫ، ކުންނާރުގެ، ހުސެއިން ހަލީމެވެ.

ބޯޑަށް މިސަރުކާރުން އައްޔަނު ކުރެއްވި އިތުރު މެންބަރުންނަކީ، ޝަރީފާ އާދަމް މަނިކާއި، ނަޔާޒު އަހުމަދާއި، ޑރ. އިބްރާހިމް ޔާސިރު އަހުމަދާއި، ޑރ. މަރިޔަމް ޖެނީފާ އާއި، ފާތިމަތު އާފިޔާ ވަހީދާއި، މޫސާ ކަލީމް ގާސިމާއި، އާލިމް ޝަކީލް އެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވަރނިން ބޯޑަކީ، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ހިނގާ އަދި އެ މަނިކުފާނަށް ޖަވާބުދާރީވާނެ ތަނެއްގެ ގޮތުގައި ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ. މި ބޯޑު އިދާރީ ގޮތުން ހިނގަމުންދާނީ މިނިސްޓްރީ އޮފް ހެލްތުގެ ދަށުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން