ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އިންޑިއާގެ ސިފައިންނާއި ގުޅޭގޮތުން މި ސަރުކާރުގެ ވެރިން ދެއްކި ވާހަކަތައް ސާބިތުކޮށް ނުދެވިއްޖެނަމަ ނޯ ކޮންފިޑެންސަކަށް ދާންޖެހޭ ކަމަށް ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނާއި ގުޅޭގޮތުން މިހާރު ސަރުކާރުގައި ތިއްބެވި ފަރާތްތަކުން ދޮގު މައުލޫމާތުތައް ފަތުރާފައިވާކަމަށް ބުނެ، އެމްޑީޕީން ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހަޅާފަ އެވެ.

ކުއްލި މައްސަލައިގެ ބަހުސްގައި ޝަހީމް ވިދާޅުވީ، ރާއްޖެއަށް އަވައްޓެރި އިންޑިއާގެ ނުފޫޒު އެބައޮތްކަމަށާއި، އެ ގައުމާއެކު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން އިންޑިއާ ސިފައިން ރާއްޖޭގައި ވަޒަންވެރިވެ ތިބިކަމަށް މި ސަރުކާރުގެ ވެރިން ބުނެފައިވާކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގައި ބައެއް ރައްޔިތުން ޑރ. މުޢިއްޒަށް ވޯޓު ދިނީ އެއީ ޙަޤީޤަތެއް ކަމަށް ޤަބޫލުކޮށްގެން ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ އިންޑިއާއަކީ ރާއްޖެއަށް ދިމާވި ކޮންމެ ދަތި ހާލަތެއްގައި އެހީތެރިވި ޤައުމެއް ކަމަށާއި އެ ޤައުމާމެދު ދޮގު މަޢުލޫމާތު ފަތުރާފައިވާތީ މި ސަރުކާރުގެ ނޯ ކޮންފިޑެންސް ނަގަންޖެހޭ ކަމަށެވެ. އޭގެ އިތުރުން ސަރުކާރުން ރައްޔިތުންނަށް ރަނގަޅު މައުލޫމާތު ފޯރުކޮށް ނުދެވޭނަމަ އެކަމަށް ފިޔަވަޅު އަޅަން އޮތީ މަޖިލީސްކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

"އިންޑިއާގެ ސިފައިންނާއި ގުޅޭގޮތުން ދެއްކެވި ވާހަކަތައް ސާބިތުކޮށް ނުދެވިއްޖެނަމަ ނޯ ކޮންފިޑެންސަކަށް ދާން ޖެހޭ." ޝަހީމް ވިދާޅުވިއެވެ.

އިންޑިއާ ސިފައިންނާއި ގުޅޭގޮތުން މި ސަރުކާރުގެ ވެރިން ދެއްކި ވާހަކަތައް ސާބިތުކޮށް ނުދެވިއްޖެނަމަ ނޯ ކޮންފިޑެންސަކަށް ދާންޖެހޭ ކަމަށް ޝަހީމް ވިދާޅުވެފައިވާއިރު، އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ އިންޑިއާ ސިފައިންގެ ޖުމްލަ އަދަދު އަދިވެސް ސާފުނުވާކަމަށާއި، ލިޔެކިއުންތައް ދިރާސާ ކުރުމުގެ މަސައްކަތް ދަނީ ކުރިޔަށް ކަމަށެވެ.

"ލިބުނު ލިޔުންތަކުން އެކި ފަހަރު ހުރީ އެކި އަދަދު އައިސްފައި. 77 އިން ގޮސް 89 އަށް އެބަދޭ، ދެން އެވެސް ސާފެއް ނޫން. އެއަށް ވުރެ ވެސް އިތުރުވެދާނެ. ހުރިހާ މައުލޫމާތެއް އަދިވެސް އެއްކޮށް ސާފުވީ ކަމަކަށް ނުބެލެވޭ،" ރައީސް އިއްޔެ ވިދާޅުވި އެވެ.

ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން އަނބުރާ ގެންދަން ރައީސް މުޢިއްޒު ވަނީ އިންޑިޔާ ސަރުކާރުގައި ރަސްމީކޮށް އެދިވަޑަައިގެންފައެވެ. ދިވެހި ސަރުކާރުގެ އެދުމާ އެއްގޮތަށް އިންޑިޔާ ސިފައިން ގެންދަން އެގައުމުން އެއްބަސްވެފައިވާ ކަމަށް ރައީސް ދާދިފަހުން ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން