ރައްޔިތުންގެ ނިންމުމަށް އެމްޑީޕީން އިޙްތިރާމް ކުރުމަށް ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕް ލީޑަރު ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ގޮވާލައްވައިފިއެވެ.

މޫސާ ސިރާޖު މިމޭރުމުން ގޮވާލައްވާފައިވާއިރު، ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އިންޑިއާގެ ސިފައިންނާއި ގުޅޭގޮތުން މި ސަރުކާރުގެ ވެރިން ދެއްކި ވާހަކަތައް ސާބިތުކޮށް ނުދެވިއްޖެނަމަ ނޯ ކޮންފިޑެންސަކަށް ދާންޖެހޭ ކަމަށް ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް މިއަދު ވަނީ ވިދާޅުވެފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސިރާޖު ވިދާޅުވީ، ސަރުކާރާމެދު ޝައްކު އުފެދޭ ގޮތަށް ވާހަކަތައް ދައްކައި، ދޮގު މައުލޫމާތު ފެތުރުމަށް ޖާގަ ނުދެއްވާނެ ކަމަށެވެ. ހަމައެއާއެކު ރައީސް ޑރ. މުޢިއްޒުގެ ވެރިކަމަށް މާގިނަ ދުވަހެއްނުވެ ރައްޔިތުންގެ ނިންމުމާ ދެކޮޅަށް އެމްޑީޕީން ނިކުތުމުން ކަންބޮޑުވާ ކަމަށް ސިރާޖު ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ޑރ. މުއިއްޒު އިންތިޚާބުކޮށްފައިވަނީ، ރާއްޖޭގެ ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ނިންމުމަށް އެމްޑީޕީން އިހުތިރާމު ކުރަން ޖެހޭނެކަމަށް ސިރާޖު ވިދާޅުވި އެވެ. ސިރާޖު ވިދާޅުވީ މިޤައުމުގައި ތިބި ހުރިހާ އިންޑިއާ ސިފައިން މި ޤައުމުން ބާލާނެ ކަމަށާއި، ރައްޔިތުން މި ސަރުކާރާ ޙަވާލުކުރި މަސްއޫލިއްޔަތު ސަރުކާރުން އުފުލާނެ ކަމަށެވެ.

"ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ޖެހޭނީ މި ގައުމު ދޫކޮށް ދާން." ސިރާޖު ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ އިންޑިއާގެ ސިފައިންގެ އަދަދު ސާފު ނުވެގެން އުޅެން ޖެހެނީ، އެކަން ފޮރުވުމަށް މިދިޔަ ސަރުކާރުން ކުރި މަސައްކަތުގެ ސަބަބުން ކަމަށެވެ. އަދި ސަރުކާރުގެ އިޚްލާސްތެރިކަމާމެދު ރައްޔިތުންގެ ހިތުގައި ސުވާލު އުފައްދައި، ވެރިކަން ވައްޓާލަންކުރާ އެއްވެސް މަސައްކަތެއް ކާމިޔާބު ނުވާނެކަމަށް ސިރާޖު މިއަދުވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން