ސަރުކާރުގެ އޮފް ކަނޑުވާލުމަށް އެމްޑީޕީން ކުރާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވިދާޅުވެއްޖެ އެވެ.

މެންބަރު މޮސްޓާ މިމޭރުމުން ވިދާޅުވެފައިވާއިރު، ރާއްޖޭގައިތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް އިންޑިއާއިން އެއްބަސްވެފައިވާކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވާތީ، އެ އެއްބަސްވުން ހާމަކުރުމަށް ގޮވާލައި އެމްޑީޕީން މިއަދު ވަނީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅާފައެވެ.

އެކަމާ ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މޮސްޓާ ވިދާޅުވީ، މިސަރުކާރުގެ އޮފް ކަނޑުވާލުމަށް އެމްޑީޕީން ކުރާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށާއި، ސަރުކާރާއި މެދު ނަފްރަތު އުފެއްދުމަކީ އެމްޑީޕީން އަބަދުވެސް ކަންކުރާ އުސޫލު ކަމަށެވެ.

މޮސްޓާ ވިދާޅުވީ، އެމްޑީޕީން މިއަދު މަޖިލީހަށް މިމައްސަލަ ހުށަހެޅީ ސަރުކާރުން އިއްޔެ ނިންމި ނިންމުންތަކުގެ އަޑު ކަނޑުވާލުމަށް ކަމަށެވެ. ނަމަވެސް ސަރުކާރުން އިއްޔެ ނިންމި ނިންމުންތައް ރައްޔިތުންނާ ހަމައަށް ފޯރާވައިވާ ކަމަށާއި، އެކަންކަން ރައްޔިތުން ބަލައިގަނެފައިވާ ކަމަށް މޮސްޓާ ވިދާޅުވިއެވެ.

"ބާރެއް ލިބިފައި އޮތީތީވެ، އެ ބާރުގެ ބޭނުންކޮށްގެން އޮފް ކަނޑުވަން އުޅުނަސް ނުކެނޑުވޭނެ." އެމްޑީޕީގެ މެންބަރުންނަށް ރައްދު ދެއްވަމުން މޮސްޓާ ވިދާޅުވިއެވެ.

އޭގެ އިތުރުން ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އިންޑިއާގެ ސިފައިންނާއި ގުޅޭގޮތުން މި ސަރުކާރުގެ ވެރިން ދެއްކި ވާހަކަތައް ސާބިތުކޮށް ނުދެވިއްޖެނަމަ ނޯ ކޮންފިޑެންސަކަށް ދާންޖެހޭ ކަމަށް ކަނޑިތީމު ދާއިރާގެ މެމްބަރު ޝަހީމް ވިދާޅުވެފައިވާތީ އެކަމަށްވެސް މޮސްޓާވަނީ ރައްދު ދެއްވާފައެވެ.

މޮސްޓާ ވިދާޅުވީ، އެމްޑީޕީން ބޭނުން ވަނީ މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން ސަރުކާރަށް ބިރުދައްކަން ކަމަށެވެ. ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށް މޮސްޓާ މިއަދު ވަނީ ވިދާޅުވެފައެވެ.

މިއަދުގެ ޖަލްސާގައި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖުވެސް ވަނީ ރައްޔިތުންގެ ހިތްތަކުގައި ސަރުކާރާމެދު ސުވާލާއި ޝައްކު އުފެދޭ މޭރުމުން ވާހަކަ ދެއްކުން ހުއްޓާލުމަށް އެމްޑީޕީއަށް ގޮވާލާފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން