ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަންގެ މެންބަރުން މިއަދު ބޭއްވި ނޫސްކޮންފަރެންސް
ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަންގެ މެންބަރުން މިއަދު ބޭއްވި ނޫސްކޮންފަރެންސް
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގެންފައިވާކަން މިހާތަނަށް ކުރި ތަހްޤީޤުން ފާހަގަކުރެވިފައި ނުވާކަމަށް ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ބޭއްވި އެ ކޮމިޝަނުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮރަޕްޝަން އެންޑް އެސެޓްސް ރިކަވަރީ ކޮމިޝަނުގެ ރައީސް ވިދާޅުވީ، މިހާތަނަށް ބެލި ބެލުމުން އެ ކޮމިޝަނަށް ހުށަހެޅި ބަލަމުންދާ އެއްވެސް ހިޔާނާތެއްގެ މައްސަލައެއްގައި މިހާރުގެ ރައީސް، އިބްރާހީމް މުޙައްމަދު ޞާލިޙްގެ މައްޗަށް އެއްވެސް ހިޔާނާތެއްގެ ތުހުމަތު ކުރެވިފައި ނުވާ ކަމަށާއި، އެފަދަ ކަމެއް ތަޙްޤީޤުންވެސް ފެނިފައި ނުވާކަމަށެވެ. އަދި ތަޙުޤީޤަށް ޙާޒިރުކުރި އެއްވެސް ބޭފުޅެއްގެ ވާހަކައިން ރައީސްގެ ނަންފުޅު ވެސް އައިސްފައި ނުވާ ކަމަށް އައްސަދު ވިދާޅުވިއެވެ.

"އަތުވެއްޖެ ނަމަ އަޅުގަނޑުމެން ބަލާކަށް ފަހަތަކަށް ނުޖެހޭނަން." ރައީސް ޞާލިޙަށް ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބުނާ ވާހަކައާ ގުޅޭގޮތުން އައްސަދު ވިދާޅުވިއެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ މި މައްސަލަ ތަޙްޤީޤްކުރުމުގައި އެސެޓް ރިކަވަރީ ކޮމިޝަނަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ފޯރާފައި ނުވާ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް އިތުރަށް ވިދާޅުވީ، އެންމެ ފުރަތަމަ އޭސީސީގެ ރިޕޯޓުން ފާހަގަކޮށްފައިވަނީ 155 މީހުންނަށް ފައިސާ ލިބިފައިވާކަން ކަމަށާއި، ނަމަވެސް މީގެ ހަފްތާއެއް ދެ ހަފްތާއެއްހާ ދުވަހުގެ ކުރިން ދެކެވުނީ 267 މީހުންގެ ވާހަކަ ކަމަށެވެ. ނަމަވެސް ބެލި ވަރަކަށް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ އެކިގޮތްގޮތުން ލިބިފައިވާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށާއި، އެ އަދަދު މިއަދާ ހަމައަށް އައިއިރު 300 އަށް އަރާފައިވާ ކަމަށް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.

މިކަމުގެ އަޑިއަށް ފީނި ވަރަކަށް މި އަދަދު 400 އަށްވެސް އަރާފާނެ ކަމަށާއި، ނަގުދު ފައިސާއިން ކޮށްފައިވާ މުއާމަލާތްތައްވެސް ބެލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ. އަދި މިހާރު ކޯޓަށް ހުށައަޅާފައިވާ ދެ ކޭހުގެ އިތުރުން އިތުރު ފަސް ކޭހެއް ކުރިއަށް އޮތް ހަފްތާތަކުގައި ކޯޓަށް ހުށައެޅޭނެ ކަމަށް ކޮމިޝަންގެ ރައީސް އައްސަދު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން