ގާޒާއަށް އިންސާނީ އެހީ ފޯރުކޮށްދެވޭނެ ދޮރުތައް ހުޅުވާލުމަށް ރާއްޖެއިން އެމެރިކާ ސަރުކާރުގައި އެދިއްޖެ އެވެ.

ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، އިޒްރޭލުން ގާޒާއަށް ދޭ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އދ.ގެ ސަލާމަތީ މަޖިލީހަށް ޔޫއޭއިން ހުށަހެޅި ގަރާރު އެމެރިކާއިން ވީޓޯ ކުރުމުން ރާއްޖެއިން އެކަމާ ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.

އެގޮތުން ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވަނީ އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު އެޗްއީހޫގޯ ޔޮންއާ ބައްދަލު ކުރަށްވައި ރާއްޖޭގެ ކަންބޮޑުވުންތައް ޙިއްސާ ކުރަށްވާފައެވެ. ހަމައެއާއެކު އިސްރާއީލުން ގާޒާއަށް ދެމުންދާ ޙަމަލާތައް ވަގުތުން ހުއްޓާލުމަށާއި، ގާޒާއަށް އިންސާނީ އެހީ ފޯރުކޮށްދެވޭނެ ދޮރުތައް ހުޅުވާލުމަށްވެސް ރާއްޖޭން ވަނީ ގޮވާލާފައެވެ.

އޭގެ އިތުރުން އެބައްދަލު ކުރެއްވުމުގައި ގިނަ ރޮނގުތަކަކުން ރާއްޖެ އާއި އެމެރިކާގެ ގުޅުން ބަދަހިކުރަން މަޝްވަރާކުރެއްވި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރ މިމޭރުމުން ވިދާޅުވެފައިވާއިރު، އިޒްރޭލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމަ މެދުކަނޑާލުމަށް ގޮވާލާ އދ. އިން ހުށަހެޅި ގަރާރަށް އެމެރިކާއިން ވަނީ ނޫނެކޭ ބުނެފައެވެ. ސަލާމަތީ ކައުންސިލްގެ 15 މެމްބަރު ގައުމުގެ ތެރެއިން 13 ގައުމުގެ ތާއީދު އެ ގަރާރަށް ލިބުނެވެ. އިނގިރޭސިވިލާތުން އެ ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން