ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް މަޖިލިސް ހިންގަވާ ގޮތާމެދު އެމްޑީޕީ މެންބަރުން ނުރުހުން ފާޅުކޮށްފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި، އަސްލަމް ވަނީ ވަޒީރާއި ކުރެވޭ އަސްލު ސުވާލާ ގުޅުން ނެތް އެހެނިހެން ސުވާލުތައް ބަލައިނުގަންނަވަން ނިންމަވާފައެވެ. އެކަމާ ގުޅިގެން އެމްޑީޕީގެ މެންބަރުން ވަނީ، 19 ވަނަ މަޖިލީހުގައި މިހާތަނަށް ކަންކަން ކުރިއަށް ގެންގޮސްފައިވާ ގޮތާ ޚިލާފަށް އަސްލަމް ޢަމަލު ކުރަށްވާ ކަމަށް ވިދާޅުވެފައެވެ.

ޖަވާބުގައި އަސްލަމް ވިދާޅުވީ، ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނެއް 2005 ވަނަ އަހަރު ފާސްކޮށްފައިވާ ކަމަށާއި، އެ ޤާނޫނުގެ 16 ވަނަ މާއްދާގައި ވަޒީރުންނާ އިތުރު ސުވާލުކުރުމުގެ ފުރުސަތު ދޭނީ ނޯޓިސް ދީގެން ކުރި ސުވާލުން، ނުވަތަ ވަޒީރު ދެއްވި ޖަވާބުން އުފެދޭ ސުވާލެއް ނަމަ ކަމަށެވެ.

"އެހެންވީމަ ތަކުރާރުކޮށް މި ދަންނަވަނީ އެއަށް ވުރެވެސް މުއްދަތު ކުރުކޮށްފަ ވަޒީރުންނާ ވީހާވެސް ގިނައިން ސުވާލު ކުރެވޭނެ ގޮތް ހައްދަވާށޭ،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް މިއަދު ވިދާޅުވީ، ވަޒީރުންނާ ސުވާލު ކުރަން ހަފްތާގެ ވަކި ދުވަހެއް ކަނޑައަޅައިގެން ކުރިއަށް ގެންދިއުމަކީވެސް މެންބަރުންނަށް އޮތް ފުރުސަތެއް ކަމަށެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަޒީރުންނާ ސުވާލުކުރުމުގައި އަމަލުކުރައްވަމުން އައި ގޮތަކީ، ވަޒީރަކާ އެދުވަހެއްގައި ކުރާ ސުވާލެއްގެ އިތުރުން އިތުރު ސުވާލުކުރުމުގައި، އެ ސުވާލާ ގުޅުން ނެތް އެހެނިހެން ކަންކަމާމެދު ސުވާލުކުރަން ފުރުސަތު ދެއްވުމެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން