ބޭހެއްގައި ނުރައްކާތެރި ކެމިކަލް އެކުލެވޭކަން ދެނެގަތުމުގައި ރާއްޖެއިން ކުރި މަސައްކަތަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ތައުރީފުކޮށްފިއެވެ.

ޑަބްލިއުއެޗްއޯގެ ސަމާލުކަމަށް ރާއްޖެއިން މިދިޔަ ނޮވެމްބަރުމަހު ގެނެސްފައިވަނީ ޕާކިސްތާނުގެ ފާމިކްސް ލެބޯޓަރީން އުފައްދާ އެލާގޯ ބްރޭންޑުގެ ސިޓްރިޒެން ދިޔާ ބޭހުގައި ނުރައްކާތެރި ދެ ކެމިކަލެއް އެކުލެވިފައި ހުރި މައްސަލައެވެ.

ނޮވެމްބަރު 12 ވަނަ ދުވަހު އެމްއެފްޑީއޭއިން ނެރުނު އެލާޓެއްގައި ބުނީ އެލާގޯ ބްރޭންޑުގެ ބެޗުތަތަކުން ސާމްޕަލް ނަގައި ސްކްރީން ކުރިއިރު "ޑައިއެތިލީން ގްލައިކޯލް" އަދި "އެތިލީން ގްލައިކޯލް" ކެމިކަލް ހުރިކަން ކަށަވަރު ކުރެވިފައިވާކަމަށެވެ.

ރާއްޖެއިން ކުރި މަސައްކަތް ފާހަގަކޮށް، ތައުރީފް ކުރަމުން ޑަބްލިއުއެޗްއޯއިން ނެރުނު ބަޔާނެއްގައި ބުނީ ބޭހުގައި ކެމިކަލްތައް އެކުލެވޭކަން ދެނެގަތީ އެމްއެފްޑީއޭގެ ނެޝަނަލް ކޮލިޓީ ކޮންޓްރޯލް ލެބޯޓްރީން ކަމަށެވެ. އަދި ރާއްޖޭން އެކަން ޑަބްލިއުއެޗްއޯގެ ސަމާލުކަމަށް ގެނައުމުން، އެކަން ކަށަވަރުކޮށް އެހެން ގައުމުތަކަށް އެކަން އެންގިކަމަށްވެސް ބަޔާނުގައިވެއެވެ.

ޑަބްލިއުއެޗްއޯއިން ބުނީ ރާއްޖެއިން ކުރި މަސައްކަތަކީ ސިއްހަތު ސަލާމަތްކުރަން ދުނިޔޭގެ ފެންވަރުގައި ކުރެވުނު މަސައްކަތެއްކަމަށެވެ.

ކެމިކަލް ފެނުނު ބޭސް އުފެއްދި ޕާކިސްތާނު ކުންފުނިން ދިޔައީ ރާއްޖޭގެ އިތުރުން އެހެން 4 ގައުމެއްގައި އެ ބޭސް ވިއްކަމުންކަން ވަނީ އެނގިފަ އެވެ.

ރާއްޖޭގެ ކަމާއި ބެހޭ ފަރާތްތަކުން މިހާރު ވަނީ ކެމިކަލް ފެނުނު ބޭސް އުފެއްދި ޕާކިސްތާނު ކުންފުނީގެ އެއްވެސް ބޭހެއް ރާއްޖެ އެތެރެނުކުރުމަށް ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން