ކުޅުދުއްފުށި
ކުޅުދުއްފުށި
ރާއްޖޭން ނައްތާލާފައިވާ ފައިލޭރިއާ ބަލި ޖެހިފައިވާ ބަޔަކު ކުޅުދުއްފުށިން ފެނިއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުރާސްފަތި ދުވަހުގެ ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ފައިލޭރިއާ ޖެހިފައިވާ ބަޔަކު ފެނިފައިވަނީ މި މަހުގެ 1 އަދި 2 ވަނަ ދުވަހު ކުޅުދުއްފުށީގައި ހިންގި ސްކްރީނިން ކޭމްޕުގައި ޓެސްޓް ކުރެވުނު ބައެއް ބިދޭސީންގެ ފަރާތުން ކަމަށެވެ.

އެ މީހުންނަކީ ފައިލޭރިއާ މިހާރުވެސް ފެންނަމުންދާ ނުވަތަ އެންޑެމިކް ސަރަހައްދުތަކުން އައިސްފައިވާ މީހުން ކަމަށްވެސް އެޗްޕީއޭ އިން މަޢުލޫމާތު ދީފައިވެއެވެ.

އެޗްޕީއޭ އިން ބުނީ މިކޭސްތަކެއް ފެނުމާ ގުޅިގެން ކުޅުދުއްފުށީގައި އިތުރު ބިދޭސީން ސްކްރީން ކުރުމުގެ މަސައްކަތް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް ކުރެވުނު ޓެސްޓުތަކުން 17 މީހަކު ފައިލޭރިއާއަށް ޕޮސިޓިވްވެފައިވާކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ބުނީ މިހާރު ކުރިއަށްދަނީ ޕޮޒިޓިވްވި މީހުންގެ އިތުރު ޓެސްޓްތައް ހެދުމާއި ފަރުވާގެ ކަންކަން އިންތިޒާމުކުރުން ކަމަށެވެ. ހަމައެއާއެކު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއެކު މިކަމާގުޅޭގޮތުން މަޝްވަރާކުރެވެމުންދާ ކަމަށް ވެސް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.

ފައިލޭރިއާއަކީ އާންމުކޮށް ކިއުލެކްސް މަދިރީގެ ޒަރީއާއިން ފެތުރޭ ބައްޔެކެވެ. މި މަދިރި އުފެދި އާލާވަނީ ހަޑި ފެނުގައެވެ. ފައިލޭރިއާ ޖެހުމަށްފަހު އެތައް ދުވަހެއް ވަންދެން ބޭރަށް އަލާމާތެއް ނުފެނި ހުރެދާނެއެވެ. އެހެންނަމަވެސް ދިގު މުއްދަތަކަށްފަހު ހަށިގަނޑުގެ އެކި ބައިތައް ދުޅަވެ ހަންގަނޑު ބޯވުން ފަދަ އަލާމާތްތައް ފެންނާނެއެވެ. ފައިލޭރިއާގެ އެންމެ އާންމު އަލާމާތަކީ ފައި ދުޅަވުމެވެ.

ރާއްޖެއަކީ ފައިލޭރިއާ ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވަނީ 2016 ވަނަ އަހަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން