ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް އަޒުލުކުރަން ދެން ބޭނުން ވާނީ 54 ވޯޓު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޢާއްމު ކޮމިޓީން ނިންމައިފިއެވެ.

މަޖިލީހުގެ ޢާއްމު ކޮމިޓީން މިހާރު ވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޒުލުކުރުން ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ މާއްދާތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ގަވާއިދުގެ 41 ވަނަ ބާބުގެ މާއްދާތަކަށް ގެނެސްފައިވާ ބަދަލުތަކާއެކު ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުމުގެ އިޖުރާޢަތު ކުރިއަށް ގެންދިއުމަށް އެމްޑީޕީއަށް ފަސޭހަވެގެން ދާނެއެވެ.

މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް އާއްމު ކޮމިޓީން ގެނެސްފައިވާ ބަދަލު މަޖިލީހުގެ ތަޅުމުން ފާސްކޮށްފިނަމަ މަޖިލީހުގެ އަޣުލަބިއްޔަތު ގުނާގޮތަށް ބަދަލު އަންނާނެއެވެ. އެގޮތުން މަޖިލީހުގެ އުމުރު ހަމަވުމުގެ ކުރިން އެއްވެސް ގޮނޑިއެއް ހުސްވެއްޖެ ނަމަ، އެ ދާއިރާއަށް އަލުން މެންބަރަކު އިންތިހާބު ކުރުމާ ހަމައަށް ޖުމުލަ މެންބަރުން ގުނުމުގައި ގޮނޑި ހުސްވެފައިވާ ދާއިރާއެއް ނުގުނާނެ އެވެ.

އެހެންކަމުން މަޖިލީހުގެ މިހާރުގެ މެންބަރުގެ ޖުމްލަ ޢަދަދަކަށް ބަލާނީ 80 އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޒުލުކުރަން ދެން ބޭނުން ވާނީ 54 މެންބަރުންގެ ވޯޓެވެ.

މަޖިލީހުގައި އެމްޑީޕީގެ 56 މެމްބަރުން ތިއްބަވާއިރު މިހާރު ގެނެސްފައިވާ އިސްލާޙުތަކާއެކު މަޖިލީހުގެ ތިން ބައިކުޅަ އެއްބައި މެންބަރުންގެ ސޮޔާއެކު ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް އަޒުލު ކުރުމުގެ ގަރާރު ލިބޭތާ ދެ ދުވަސްތެރޭގައި އެބޭފުޅުންނަށް ނޯޓިސް ފޮނުވަން ޖެހެއެވެ. އަދި ނޯޓިހުގެ ތާރީހުން ފެށިގެން 14 ދުވަސް ދިނުމަށް ފަހު މައްސަލަ ކުރިއަށް ގެންދަން ޖަލްސާއެއް ބާއްވަން ޤަވާއިދުގައި ކަނޑައަޅާފައިވެއެވެ.

މިފަދަ ޤަރާރެއްގެ ބަހުސްގެ ދިގުމިނަކީ 3 ގަޑިއިރުކަމަށް ކަނޑައަޅާފައި ވާއިރު ރައީސް ނުވަތަ ނައިބު ރައީސަށް ދިފާއުގައި ވާހަކަ ދައްކަވަން ލިބިވަޑައިގަންނަވާނީ 30 މިނެޓެވެ. އެއަށްފަހު ޤަރާރު ފާސްވެއްޖެނަމަ 7 މެމްބަރުންގެ ކޮމިޓީއަކަށް ޤަރާރު ފޮނުވާނެއެވެ.

ކޮމިޓީން ބަލާނީ ޤަރާރުގައިވާ މައްސަލައަކީ ޤާނޫނު އަސާސީގެ 100 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ހާލަތުންކުރެ ހާލަތަކަށް ފެތޭ މައްސަލައެއްތޯއާއި މައްސަލައިގައި ލިބެން ހުރި ހެކިތަކަށެވެ. އެކަންކަމަށް ބެލުމަށްފަހު ފަސް ދުވަސްތެރޭގައި މައްސަލަ ތަހުގީގުކޮށް ރިޕޯޓު މަޖިލީހުގެ ރައީސަށް ފޮނުވުމަކީ ކޮމިޓީގެ ޒިންމާއެކެވެ.

އަދި ރިޕޯޓާމެދު ގޮތެއް ނިންމަން މަޖިލީހުގެ ޖަލްސާއެއް ބާއްވަން ޖެހެނީ މަޖިލީހުގެ ރައީސަށް ރިޕޯޓު ލިބޭތާ ދެ ދުވަސްތެރޭގައެވެ.

ރައީސް ނުވަތަ ނައިބު ރައީސް މަގާމުން ވަކިކުރަން ކޮމިޓީން ނިންމާ ހާލަތެއްގައި، އެ ބޭފުޅުން މަގާމުން ވަކިވާނީ މަޖިލީހުގެ ޖުމުލަ މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްކުރުމުންނެވެ.

މި ބަދަލުތައް ޤަވާއިދަށް ގެންނަން އާންމު ކޮމިޓީއަށް ހުށަހެޅުއްވީ މަޖިލީހުގެ މައިނޯރިޓީ ލީޑަރ ދަ ޑިމޮކްރެޓްސްގެ އަލީ އާޒިމެވެ. މި އިސްލާޙުތައް މަޖިލީހުން ފެށޭ ހަފްތާގައި ފާސްކުރާނެކަމަށް ބެލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން