ހައްދުންމަތީ މާވަށު ދާއިރާގެ އެމްޑީޕީގެ މަޖިލީސް ޓިކެޓް ހޯއްދެވުމަށް މަސައްކަތް ކުރަށްވަމުން ގެންދަވާކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސްކަންވެސް ކުރަށްވާފައިވާ މޫސަ ވިދާޅުވީ ހައްދުންމަތީ މާވަށު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް އެމްޑީޕީ ޕްރައިމަރީގައި ވާދަކުރަން ނިންމަވާފައިވާ ކަމަށެވެ. އަދި 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރުމުގެ އުއްމީދުގައި ހުންނެވި ކަމަށް މޫސަ ވިދާޅުވިއެވެ.

މޫސަ މީގެ ކުރިން ވަނީ ހައްދުންމަތީގެ މަޖިލީހުގެ މެންބަރުކަމާއި ރައްޔިތުން މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރުކަން ކުރަށްވާފައެވެ.



އެމްޑީޕީގެ ކުރީގެ ޗެއާޕާސަންކަން ވެސް ކުރެއްވި މޫސަ މަނިކު އެޕާޓީން 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ވަކިކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު މަދުކުރަން ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި އެ ޕާޓީގެ ތްރީ ލައިން ވިޕާ ހިލާފުވެ ވަޑައިގަތްކަމަށް ބުނާ މައްސަލައިގައެވެ.

އެއަށްފަހު 2017 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި މޫސާ ގުޅިވަޑައިގެންނެވީ އޭރު ވެރިކަންކުރި ޕާޓީ ޕީޕީއެމްއާއެވެ.

ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް މޫސަ ނިންމަވާފައިވާއިރު އޭނާ އަލުން އެމްޑީޕީއާ ގުޅިވަަޑައިގެންފައިވަނީ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން