މިހާ އަވަހަށް ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރާ ވާހަކަ އެމްޑީޕީން ދެއްކުމަކީ ޒިންމާދާރު ކަމެއް ނޫންކަމަށް ސްޓެލްކޯގެ ކުރީގެ ޗެއަރމަން ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

18 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އައްޑޫ ހިތަދޫ މެދު ދާއިރާ ތަމްސީލް ކުރެއްވި އިބްރާހިމް ދީދީ ވިދާޅުވީ ރައްޔިތުންގެ މެޖޯރިޓީން އިންތިހާބު ކުރި ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުން ވަކިކުރުމުގެ ވާހަކަ ދެއްކުމަކީ ޒިންމާދާރު ކަމެއް ނޫން ކަމަށެވެ.

އެގޮތުން ޑރ. މުޢިއްޒު ވެރިކަމުގެ ހުވާ ކުރެއްވިފަހުން ފާއިތުވީ އެންމެ މަހެއްކަން ދީދީ ފާހަގަ ކުރެއްވިއެވެ.

“އެމްޑީޕީން ކުރަންވީ ކަމަކީ މަޖިލީހުގެ މެޖޯރިޓީ އޮތުމުން ސަރުކާރު ޒިންމާދާރު ކުރުވައި ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް.” ދީދީ ވިދާޅުވި އެވެ.

ދީދީ މިމޭރުމުން ވިދާޅުވެފައިވާއިރު މަޖިލީހުގެ ޢާއްމު ކޮމިޓީން މިހާރު ވަނީ މަޖިލީހުގެ ޤަވާއިދަށް ބޮޑެތި ބަދަލުތަކެއް ގެނެސް އެމްޑީޕީގެ މެޖޯރިޓީ ބޭނުންކޮށްގެން ރައީސުލްޖުމްހޫރިއްޔާ ޢަޒުލު ކުރެވޭ ގޮތަށް ޤަވާއިދު ބަދަލު ކޮށްފައެވެ.

މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް އާއްމު ކޮމިޓީން ގެނެސްފައިވާ ބަދަލު މަޖިލީހުގެ ތަޅުމުން ފާސްކޮށްފިނަމަ މަޖިލީހުގެ އަޣުލަބިއްޔަތު ގުނާގޮތަށް ބަދަލު އަންނާނެއެވެ. އެގޮތުން މަޖިލީހުގެ އުމުރު ހަމަވުމުގެ ކުރިން އެއްވެސް ގޮނޑިއެއް ހުސްވެއްޖެ ނަމަ، އެ ދާއިރާއަށް އަލުން މެންބަރަކު އިންތިހާބު ކުރުމާ ހަމައަށް ޖުމުލަ މެންބަރުން ގުނުމުގައި ގޮނޑި ހުސްވެފައިވާ ދާއިރާއެއް ނުގުނާނެ އެވެ.

އެހެންކަމުން މަޖިލީހުގެ މިހާރުގެ މެންބަރުގެ ޖުމްލަ ޢަދަދަކަށް ބަލާނީ 80 އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޒުލުކުރަން ދެން ބޭނުން ވާނީ 54 މެންބަރުންގެ ވޯޓެވެ. އެމްޑީޕީގެ 56 މެންބަރުން މަޖިލީހުގައި ތިއްބަވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން