ދޮންބަންޑާރައިންގެ ޖިހާދުން ދިވެހިން އިބްރަތް ހާސިލް ކުރަންޖެހޭ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ހުރަވީ ދުވަހާއި ގުޅިގެން ފޮނުއްވި މެސެޖެއްގައެވެ.

އެމްޑީޕީގެ ވަގުތީ ރައީސް ކަމުގެ މަގާމުގައި ހުންނެވި ރައީސް ސޯލިހް ހުރަވީ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް އަރިސްކުރައްވަމުން ވިދާޅުވީ ގައުމާ ރައްޔިތުންގެ ހައްގުގައި ދޮންބަންޑާރަ އިން ކުރެއްވި މަތިވެރި ޒިކުރާ އައު ކުރަންޖެހޭ ކަމަށެވެ.

"ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ދޮން ބަނޑާރައިން ކޮށްދެއްވި މަތިވެރި މަސައްކަތުގެ ޒިކުރާ އައުކޮށް އެކަމުން އިބްރަތް ލިބިގަތުމަކީ އަޅުގަނޑުމެން ކޮންމެ ދިވެއްސެއްގެ މައްޗަށް އޮތް ވާޖިބެއް." ރައީސް ސޯލިހް ވިދާޅުވިއެވެ.

ރާއްޖޭގައި ހުރަވީ ދުވަސްގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖުމާދަލްއާޚިރާ މަހުގެ ތިން ވަނަ ދުވަހެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުރަވީ ދުވަހުގެ ނަމުގައި ދުވަހެއް ފާހަގަކުރެވުނީ ހިޖުރައިން 1400 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ 3 (18 އޭޕްރީލް 1980) ވަނަ ދުވަހުއެވެ.

ހުރަވީ ދުވަސް ފާހަގަކުރަނީ ހިޖުރައިން އެގާރަ ސަތޭކަ ފަސްދޮޅަސް ހަ ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ 3 ވީ އާދީއްތަ ވިލޭރެއަކީ ދޮންބަންޑާރައިން ހޮޅީންގެ ކިބައިން ރާއްޖެ މިނިވަންކުރެއްވި ހާދިސާ ފާހަގަކުރުމުގެ ގޮތުންނެވެެ.

ރާއްޖޭގައި ހުރަވީ ދުވަހުގެ ގޮތުގައި މިދުވަސް ފާހަގަކުރަން ނިއްމީ ދިވެހި ޤައުމުގެ އެންމެހައި މުވާޠިނުން ޤައުމީ އަބްޠާލުންގެ ޒިކުރާ އަމަލީގޮތުން ދިރުވުމުގެ ހިތްވަރު ލިބިގަތުމަށާއި، އެއަބްޠާލުން ގެނެސްދެއްވި މިނިވަންކަމާއި، ޤައުމިއްޔަތު ދެމެހެއްޓުމުގެ ޢަޒުމާއި ޖޯޝް ދިވެހި ހިތްތަކުގައި ދިރުވައި ދެމެހެއްޓުމުގެ ގޮތުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން