ވަޒީރުންނަށް ރުހުން ދިނުމާއި ނުދިނުމަކީ މެމްބަރުންނަށް އޮންނަ ހައްގެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ރޭ ވިދާޅުވެއްޖެއެވެ.

ރީކޯ މޫސަ މިމޭރުމުން ވިދާޅުވެފައިވާއިރު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓް ވަޒީރުންނަށް ރުހުން ދިނުމުގެ ވޯޓު ވަކިވަކިން ނެގުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ވަނީ ނިންމާފައެވެ.

އެކަމާ ގުޅިގެން މޫސަ ވިދާޅުވީ ވަޒީރުންނަށް ވަކިވަކިން ރުހުން ދިނުމަށް ކޮމިޓީން ނިންމުމަކީ ސަރުކާރަށް ބިރު ދެއްކުން ކަމަށް ސިފާކުރުމަކީ ޒިންމާދާރުކަމެއް ނޫން ކަމަށެވެ. އަދި ވަޒީރުންނަށް ރުހުން ދިނުމާއި ނުދިނުމަކީ މެމްބަރުންނަށް އޮންނަ ހައްގެއް ކަމަށްވެސް މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ މެންބަރުންގެ ރުހުން ވަޒީރުންނަށް ހޯދުމަކީ ގަދަބާރުން ކުރުވޭނެ ކަމެއް ނޫން ކަމަށާއި ވަޒީރުންނަށް ރުހުންދިނުމުގައި މަޖިލީހުގެ މެންބަރުންނަށް މުހިންމު ދާއިރާތަކުން ވަޒީރުންގެ ޕަރފޯމަންސަށް މެމްބަރުން ބަލާނެކަމަށެވެ.

އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ ވަކިވަކި ވަޒީރުންނާމެދު ދެކޭގޮތް ފާޅުކޮށްގެން ވަޒީރުންނަށް ރުހުން ދިނުން ކަމަށް މޫސަ ވިދާޅުވިއެވެ.

“އެމްޑީޕީ އަކީ ވެރިކަން ވައްޓާލާނެ ބައެއް ނޫން. ޖަވާބުދާރީ ކުރުވާ ބައެއް. ސަރުކާރު ޖަވާބުދާރީކުރެވޭނެ މަގު މެމްބަރުންނަށް އޮންނަން ޖެހޭ.” މޫސަ ވިދާޅުވިއެވެ.

މިސަރުކާރުގެ ކެބިނެޓުގައި ހިމެނޭ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އިދިކޮޅު އެމްޑީޕީން ދަނީ މަޝްވަރާކުރަމުންނެވެ. ޚާއްސަކޮށް ހައުސިންގ މިނިސްޓަރަށް ރުހުން ނުދިނުމަށް އެމްޑީޕީގެ މެންބަރުން ގެންދަވަނީ މަޖިލީހުގެ ޖަލްސާތަކުގައި ވެސް ގޮވާލައްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން