މާލޭ ރައްޔިތުންނަށް މާލޭގެ ބިމުން ޙައްލުތަކެއް ހޯދައިދޭންޖެހޭކަމަށް ޑިމޮކްރެޓްސްގެ ޓިކެޓުގައި މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަ ކުރަށްވާ މުޙައްމަދު ސައިފް ފާތިޙް (އައިކޮ) ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގައި ޑިމޮކްރެޓުންގެ ފަރާތުން ވާދަ ކުރާ ކެންޑިޑޭޓުންގެ ކެންޕެއިން ލޯންޗިންގ ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން ސައިފް ވިދާޅުވީ މާލެ ރައްޔިތުންނަށް ބޭނުންވަނީ މާލޭގެ ބިމުން ޙައްލެއް ކަމަށާއި އޭނާ ނިކުމެ ހުންނެވީ އެ ޙައްލުތަކާ އެކީގައި ކަމަށެވެ.

ސައިފު ވިދާޅުވީ ޑިމޮކްރެޓުން މާލެއާމެދު ވިސްނާ ވިސްނުންތަކަކީ މައިގަނޑު ދެ ޙަޤީޤަތެއްގެ މައްޗަށް ބުރަވެ ވިސްނާ ވިސްނުމެއް ކަމަށެވެ. އެގޮތުން ފުރަތަމަ ޙަޤީޤަތަކީ މާލޭގެ މައްސަލަތައް ޙައްލުކުރުމަށް ލަސްކުރެވެން ނުވަތަ މަޑުކުރެވެން ނެތުންކަން ސައިފް ފާހަގަ ކުރެއްވިއެވެ.

މާލެއަށް އިޖްތިމާޢީ ގިނަ މައްސަލަތަކެއް ދިމާވެފައިވާ ކަމަށާއި އެހެންކަމުން މާލޭގެ މައްސަލަތައް ޙައްލުކުރުމަށް ދިގުރާސްތާއެއްގެ ޕްލޭނަކަށް މަސައްކަތް ކުރުމަކީ ފަރުޖެއްސެން އޮތް ކަމެއް ނޫންކަމަށްވެސް ސައިފް ވިދާޅުވިއެވެ.

“މިއަދުން މިއަދަށް މާލެއަށް ޙައްލުތަކެއް ބޭނުންވޭ. އެއީ ފުރަތަމަ ކަންތައް. ދެވަނަ ކަމަކީ މާލޭގެ ބިމުން ޙައްލުތަކެއް ނެރެންޖެހޭކަން.” ސައިފް ވިދާޅުވިއެވެ.

އެހެންކަމުން އެކަންކުރެވޭނީ މާލެ އަލުން ތަރުތީބު ކޮށްގެން ކަމަށާއި އެހެން ފަޅެއް ތަރައްޤީކުރުމުގެ ވިސްނުގައިތިބެ އެ އަޖަލުގައި މާލޭ ރައްޔިތުން ނިމިދިއުމަކީ ޙައްލެއް ނޫން ކަމަށް ރޭގެ ޖަލްސާގައި ސައިފް ވިދާޅުވެފައިވެއެވެ.

ސައިފް މިމޭރުމުން ވިދާޅުވެފައިވާއިރު މާލޭގެ މޭޔަރުގެ މަގާމު ހުސްވެފައިވާތީ އެ މަގާމަށް ބޭފުޅަކު އިންތިހާބުކުރަން ބާއްވަން ހަމަޖެހިފައިވާ ބައި-އިލެކްޝަން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 13 ގައި ބާއްވަން އީސީން ވަނީ ނިންމައިފައެވެ.

މާލޭގެ މޭޔަރު އިންތިޚާބުކުރުމަށް ބާއްވާ ބައި އިލެކްޝަންގައި ސިޔާސީ ޕާޓީތަކުން ވާދަކުރަށްވަނީ އެމްޑީޕީގެ ފަރާތުން އާދަމް އާޒިމް، ޕީއެންސީގެ ފަރާތުން އާޒިމާ ޝަކޫރު އަދި ޑިމޮކްރެޓްސްގެ ފަރާތުން ސައިފް ފާތިހް އެވެ. އޭގެއިތުރުން އަމިއްލަގޮތުން އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންނަކީ ކުރީގެ ސީޕީ ހުސައިން ވަހީދާއި ފުރަހަނި ޝުއައިބެއެވެ.

މާލޭ މޭޔަރުގެ މަޤާމު ހުސްވީ، އެ މަޤާމުގައި ހުންނެވި ޑރ. މުހައްމަދު މުޢިއްޒު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް އިންތިހާބުވެވަޑައިގަތުމާއި ގުޅިގެނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން