ކުވައިތު އަމީރު އައްޝައިހް ނަވާފް އަލް-އަހުމަދު އަލް-ސަބާހް އަވަހާރަވުމާ ގުޅިގެން އެ މަނިކުފާނުގެ މައްޗަށް ރާއްޖޭގައި ކަށުނަމާދު ކުރަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ކުވައިތުގެ އަމީރުގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު މިރޭ އިޝާ ނަމާދުގެ ފަހުން އިސްލާމީ މަރުކަޒުގައި އޮންނާނެ ކަމަށެވެ. އަދި އެ ނަމާދުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް މިނިސްޓްރީން އެދިފައިވެ އެވެ.

ޝައިހް ނަވާފް އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ނިންމަވައިފަ އެވެ.

ނަވާފް އަވަހާރަވީ އުމުރުފުޅުން 86 އަހަރުގައެވެ. ކުވައިތުގެ އަމީރު އަވަހާރަވި ސަބަބެއް އެޤައުމުން ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް، މިދިޔަ ނޮވެންބަރުމަހު އެމަނިކުފާނަށް ކުރިމަތިވެވަޑައިގެންނެވި ކުއްލި އާލާސްކަންފުޅަކާ ގުޅިގެން ހޮސްޕިޓަލުގައި އެނދުމަތިކޮށްފައި ވެއެވެ. ބޭސްފަރުވާއަށްފަހު ހޮސްޕިޓަލުން ދޫކޮށްލި ނަމަވެސް އެމަނިކުފާނުގެ ބަލިޙާލަތާއި ބެހޭގޮތުން ކުވައިތުން އެއްވެސް މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ނަވާފަށް ވަލީއަހުދުކަން ލިބިވަޑައިގަތީ ނަވާފްގެ ބޭބޭފުޅު ޝައިޚް ސަބާހުލް އަހްމަދު ކުއްލި ގޮތަކަށް އަވަހާރަވުމާ ގުޅިގެން 2020 ވަނަ އަހަރުއެވެ.

ނަވާފް އަވަހާރަވުމާއި ގުޅިގެން ވަލީއުލްއަހްދު ޝައިޚް މިޝްޢަލް އަލްއަހްމަދު އަލްޖާބިރު އައްސަބާހު ކުވައިތުގެ އަމީރުކަމަށް އިސްކުރައްވާނެ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން