ބޯހިޔާވަހިކަމަށް ކުޑަ އިންޓްރެސްޓެއްގައި ހައުސިން ލޯނު ދޫކުރުމުގެ އިންތިޒާމުތައް ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި ވާހަަކަފުޅު ދައްކަވަމުންނެވެެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ސަރުކާރުގެ ވަޢުދާއި އެއްގޮތަށް ހައުސިންގ ލޯނުތައް ދޫކުރުމަށްޓަކައި ބޭންކިންގ ނިޒާމުގެ ތެރެއިން ފަހިކުރަންޖެހޭ ކަންކަން ހަމަޖައްސައި، އެކަން ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށެވެ. އެގޮތުން އެ ލޯނުތަަކަކީ ފަސް ޕަސެންޓަށްވުރެ އިންޓަރެސްޓް ކުޑަކޮށް، ދޫކުރާ ލޯނުތަކެއް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"ލޯނުތައް ދޫކުރުމަށްޓަކައި ކުރަންޖެހޭ އިދާރީ ފަންނީ މަސައްކަތް މިހާރު ހިނގަމުންއެދަނީ، އެކަންކަންވެސް ފުރިހަމަކޮށްފައި، އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް، އެ ރައްޔިތުން ބޭނުންވާ އެކިކަހަލަ ލޯނުތައް ދޫކުރުމުގެ މަސައްކަތް ފެށިގެންދާނެ." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ ލޯނު ސްކީމާއެކު މާލެ ސަރަޙައްދުން ދޫކުރި ގޯތިތަކުގައި ގެދޮރު ބިނާކުރުމަށްޓަކައި ސަރުކާރުން ވަޢުދުވި ޚާއްޞަ ލޯނު ސްކީމް ތަޢާރުފު ކުރެވިގެންދާނެ ކަމަށެވެ. އަދި ސަރުކާރުން ދޫކުރި ގޯތިތަކާއި ފުލެޓްތައް ރައްޔިތުންނަށް ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ރަސްމީކޮށް ގެޒެޓް ކުރެވިފައި އޮތް އެއްވެސް ބޭފުޅެއްގެ އެއްވެސް ޙައްޤެއް އަޅުގަނޑުމެން އުންޏެއް ނުކުރާނަން. އޭގެ ބަދަލުގައި، ވަޢުދުވީގޮތަށް ފުރިހަމަކޮށްދޭނީ. ނުހިއްކާ އޮތް ފަޅުތައް ހިއްކައިގެން، އެ ގޯތިތައް ޙަޤީޤަތަކަށް ހަދައިދޭނީ." ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން