ރާއްޖޭގައި މިހާރުތިބީ ބަންގްލަދޭޝްގެ 90000 މަސައްކަތްތެރިން ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ.

އިޙްސާން މި މޭރުމުން ވިދާޅުވެފައިވާއިރު ރާއްޖެއަށް އަލުން ބަންގްލަދޭޝްގެ މަސައްކަތްތެރިން ގެނައުމުގެ ހުއްދަ ދިނުމަށް ދާޚިލީ ވުޒާރާއިން ވަނީ ނިންމާފައެވެ. ނަމަވެސް މިހާރު ޤާނޫނު އޮތްގޮތުން އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ޤާނޫނީ ފަންނުގެ ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އެކަމާ ގުޅިގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިޙްސާން ވިދާޅުވީ ބަންގްލަދޭޝްގެ މަސައްކަތްތެރިންނަށް ހުއްދަ ދޭން ނިންމީ، ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިން ތިބި ޢަދަދުތައް ރަނގަޅަށް ބެއްލެވުމަށްފަހުގައި ކަމަށެވެ. އެގޮތުން ޤާނޫނުގައި ބުނާ ޢަދަދު ފަހަނަޅައި ގޮސްފައި ނުވާކަން އިޙްސާން ފާހަގަ ކުރެއްވިއެވެ.

"ރާއްޖޭގައި ތިބި ޖުމްލަ ޢަދަދަކީ 90624 ބަންގްލަދޭޝް މީހުން. އެއީ ޤާނޫނު ބުނާ އަދަދަށްވުރެ މަދު އަދަދެއް. އެހެންވީމަ މިހާރު ދީފައިވާ ހުއްދަ އަދި ޤާނޫނަށް ފުށުނާރާ." ޢަލީ އިޙުސާނު ވިދާޅުވިއެވެ.

އޭގެ އިތުރުން ރާއްޖޭގައި ތިބި ބިދޭސީންގެ ބައެއް މައުލޫމާތު ހުރި ރިޕޯޓެއް ގެއްލިފައިވާ ކަމަށް ދެކެވޭ ވާހަކަތަކަށްވެސް އިޙްސާންވަނީ ޖަވާބު ދެއްވާފައެވެ. އެގޮތުން އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުގައި އޮތް ރިޕޯޓް ހޯމްލޭންޑް ސެކިއުރިޓީގެ ވެބްސައިޓުން ލިބޭގޮތަށް ބަދަލުކޮށްފައިވާކަން އިޙްސާން ފާހަގަ ކުރެއްވިއެވެ.

އެގޮތަށް އެކަން ދިމާވީ މިނިސްޓްރީތަކުގެ މެންޑޭޓަށް އައި ބަދަލުގެ ސަބަބުން ކަމަށާއި ކުރީގެ ސަރުކާރުގައި އެކްޕެޓްސް މަސައްކަތްތައް ކުރަމުން ގެންދިޔައީ އިކޮނިމިކް މިނިސްޓްރީގެ ދަށުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

2020ވަނަ އަހަރު ސެޕްޓެމްބަރުމަހު ވަޒީފާއާ ބެހޭ ގާނޫނުގެ 65 ވަނަ މާއްދާގެ ހ. އަށް ގެނެސްފައިވާ އިސްލާހުގައި ވާގޮތުން، ރާއްޖެއަށް މަސައްކަތްތެރިންގެ ގޮތުގައި އެއް ޤައުމަކުން އެންމެ ގިނަވަގެން އެތެރެވެވޭނީ 1 ލައްކަ މީހުންނެވެ. އެ ޢަދަދު ހަމަވެފައިވާތީ، ބަންގްލަދޭޝްގެ ރައްޔިތުން ވަޒީފާގެ ބޭނުމުގައި ރާއްޖެ އެތެރެވުން އޭރު އޮތީ މަނާކޮށްފައެވެ.

އިކޮނޮމިކް މިނިސްޓްރީގެ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ބަންގްލަދޭޝްގެ 139،220 މަސައްކަތްތެރިން ރާއްޖޭގައި އުޅެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން