ރައްޔިތުންގެ ބާރަށްވުރެ ރައްޔިތުންގެ މަޖިލީސް ބާރުގަދަ ނުވާނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒު މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާއަކަށް ރޭ ދެއްވި އިންޓަވިއުއެއްގައި މުއާޒު މިމޭރުމުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމާ ގުޅޭގޮތުން މަޖިލީހުގެ ޤަވާއިދަށް ގެނެސްފައިވާ އިސްލާޙަށް ރައްދު ދެއްވަމުންނެވެ. އެގޮތުން މުއާޒު ވިދާޅުވީ އެމްޑީޕީގެ ވަރުގަދަ ވެރިކަން ބަދަލުކުރީ ރައްޔިތުން ކަމަށާއި އޭރުވެސް ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެންބަރުން ބާރާއެކު ތިއްބެވި ކަމަށެވެ.

މުއާޒު ވިދާޅުވީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމުގެ ތެރޭގައި އެންމެ ބޮޑު ބާރެއް އޮންނާނީ ދިވެހި ރައްޔިތުންނަށް ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަން ބަދަލުވުމުގެ އެންމެ ބޮޑު އަސްލަކީވެސް ރައްޔިތުންގެ މަޖިލީހުގެ ބާރު ނާޖައިޒްކޮށް ބޭނުން ކުރުން ކަމަށް މުއާޒް ވިދާޅުވިއެވެ.

“ހުރިހާ ބާރެއް މުށުތެރޭގައި އޮއްވައެއްނޫންތޯ ރައްޔިތުން ނޫނެކޭ ވިދާޅުވީ. އެހެންވީމަ ރައްޔިތުންގެ ބާރަށްވުރެ ބާރުގަދައެއް ނުވާނެ ރައްޔިތުންގެ މަޖިލީހެއްވެސް.” މުއާޒް ވިދާޅުވިއެވެ.

މުއާޒު ވިދާޅުވީ ރައްޔިތުންގެ ނިންމުން ބޮލާލާ ޖަހައި އެނޫންގޮތަކަށް މަސައްކަތް ކުރާނަމަ ރައްޔިތުން ދެންވެސް އެމްޑީޕީއަށް ނޫނެކޭ ބުނާނެ ކަމަށެވެ.

މުއާޒު މިބީދައިން ވިދާޅުވެފައިވާއިރު މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާޙާއެކު މަޖިލީހުގެ މިހާރުގެ މެންބަރުގެ ޖުމްލަ ޢަދަދަކަށް ބަލާނީ 80 އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޒުލުކުރަން ދެން ބޭނުން ވާނީ 54 މެންބަރުންގެ ވޯޓެވެ.

ރައީސް އާއި ނައިބު ރައީސް މަގާމުން ވަކިކުރުމަށް މަޖިލީހުގެ ގަވައިދުގެ ބައެއް މާއްދާ އިސްލާހު ކުރަން ކޮމިޓީން ހުށަހެޅި އިސްލާޙް ފާސްކޮށްފައިވަނީ 44 މެންބަރުންގެ ވޯޓުންނެވެ. ގަވައިދު އިސްލާހު ކުރުމާ ދެކޮޅަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން