ފުށިދިއްގަރުފަޅުގެ މަޝްރޫޢު ބަޖެޓުން އުނިކުރުމަކީ ހިތާމަހުރި ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސިޑެންޝަލް އެފެއާރޒް މިނިސްޓަރު ޢަލީ އާރިފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި މެންބަރުން ޢަމަލުކުރަށްވާ ގޮތަށް ފާޑު ވިދާޅުވަމުން ރާއްޖޭގެ މީޑީއާއެއްގައި ރޭ ޢަލީ އާރިފް ވިދާޅުވީ މަޖިލީހުގެ މެންބަރުން ޤާނޫނުގެ މާއްދާތައް ވިދާޅުވާންވާނީ ޤާނޫނު އަސާސީގެ 67 ވަނަ މާއްދާގައި ބުނާ ތަރަހައިގެ ތެރެއިން ކަމަށެވެ. އެގޮތުން ޤާނޫނު އަސާސީން މެންބަރުންނަށް ވަރަށް މަތީ ޒިންމާއެއް ޙަވާލުކޮށްފައިވާ ކަމަށް ޢަލީ އާރިފް ވިދާޅުވިއެވެ.

އެގޮތުން ޢަލީ އާރިފް ވިދާޅުވީ ބަޖެޓް ފާސްކުރުމުގެ މަރުޙަލާގައި ފުށިދިއްގަރު ފަޅުގެ މަޝްރޫޢު ބަޖެޓުން އުނިކުރުމަކީ ހިތާމަ ކުރަށްވާ ކަމެއް ކަމަށާއި ރައީސް ޢަޒަލު ކުރުމާބެހޭ މާއްދާތަކަށް ގެނައި އިސްލާޙަކީވެސް އެއްވެސް ޒިންމާދާރުކަމެއްނެތި ގެނެސްފައިވާ އިސްލާޙެއް ކަމަށެވެ.

“މުޅި ފޮތް ކިޔަންވާނެ. މި ޤާނޫނު އަސާސީގެ 67 ވަނަ މާއްދާގައި ބުނާނެ މި ޤާނޫނު އަސާސީން ލިބޭ ހައްޤުތަކާއި، މިނިވަންކަމާއި ކިޔަންވާނީ މީގެން އަދާކުރަންޖެހޭ ޒިންމާތަކާއި ވާޖިބުތަކާ އެކީގައޭ. ވަކިވަކިންނެއް ނުކިޔޭނެ. ހުރިހާ އެއްޗެއް ބަލައިގެން މިކަން ކުރަންވާނީ.” އަލީ އާރިފް ވިދާޅުވިއެވެ.

ޢަލީ އާރިފް ވިދާޅުވީ މަޖިލީހުގެ މެންބަރުން ކިތަންމެ ވަރަކަށް ސަރުކާރަށް އުނދަގޫ ކުރަމުންދިޔަ ނަމަވެސް ރައީސް ފަހަތަށްޖެހިވަޑައި ނުގަންނަވާނެ ކަމަށާއި ފުށިދިއްގަރުފަޅު 8 މަސްދުވަސް ތެރޭގައި ހިއްކާ ނިންމާނެ ކަމަށެވެ.

1280 ހެކްޓަރުގެ ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަަށް ހަވާލުކޮށްފައި ވަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އާ އެވެ.

ފުށިދިއްގަރު ފަޅު ހިއްކައި އެތަނުގައި ރައްޔިތުން ގެދޮރުވެރި ކުރުމަކީ ރައީސް ޑރ. މުއިއްޒު އެންމެ އިސްކަމެއް ދެއްވާ އެއް ވައުދެވެ. ރައީސް މީގެކުރިން ވިދާޅުވެފައިވަނީ މި ސަރުކާރުން އެންމެ ބޮޑަށް މަސައްކަތް ކުރަށްވަނީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން