ޑިމޮކްރެޓްސްގެ ލީޑަރޝިޕްގެ އިސްބޭފުޅުން
ޑިމޮކްރެޓްސްގެ ލީޑަރޝިޕްގެ އިސްބޭފުޅުން
ސިޔާސީ މުސާރަތައް ބޮޑުކުރުމާ ދެކޮޅަށް ޑިމޮކްރެޓުން 3 ލައިން ރެޑް ވިޕް ނެރެފިއެވެ.

ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަދި ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން އިއްޔެ ވަނީ ފާސްކޮށްފައެވެ. އޭގެ އިތުރުން ކައުންސިލަރުންނާއި މަޖިލީހުގެ މެންބަރުންގެ މުސާރަ ބޮޑުކުރުމަށްވެސް ކޮމިޓީން ނިންމާފައިވެއެވެ.

އެކަމާ ގުޅިގެން ޑިމޮކްރެޓުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އެ ޕާޓީގެ ޕީޖީ ގުރޫޕުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ އެނިންމުމާ ދެކޮޅު ހަދާ ކަމަށާއި، އެ ނިންމުން ބަލައިނުގަނެ އަނބުރާ ފޮނުވާލުމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް އިލްތިމާސްކުރާ ކަމަށެވެ.

ޑިމޮކްތެޓުން ބުނީ ސިޔާސީ މީހުންގެ މުސާރަތައް ބޮޑުކުރަން ނިންމި ނިންމުމާ ދެކޮޅަށް ވޯޓު ދިނުމަށް ޑިމޮކްރެޓުން ތްރީލައިން ވިޕެއް މިއަދު ނެރެފައިވާ ކަމަށާއި މި ތްރީލައިން ވިޕް ނެރެފައިވަނީ އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ އިއްތިފާގުން ކަމަށެވެ.

"ހުރިހާ ސިޔާސީ މީހުންގެ މުސާރަ އިތުރަށް ބޮޑުކުރުމަށް މާލިއްޔަތު ކޮމިޓީއަށް ފެނިލެއްވިކަމީ ނުހަނު ލަތުވެތި އަދި އެހާމެ ކަންބޮޑުވާ ކަމެކެވެ." ޑިމޮކްރެޓުންގެ ބަޔާނުގައިވެއެވެ.

ރާއްޖޭގެ އިގްތިސާދު ނުރައްކާތެރި ހާލަތެއްގައި އޮތް އިރު އެމްޑީޕީގެ މެޖޯރިޓީ މަޖިލީހުގައި އޮތް ނަމަވެސް ޒިންމާދާރުކަމާއެކު ޢަމަލުތައް ބެހެއްޓުމަށް ޑިމޮކްރެޓުން ވަނީ އެމްޑީޕީއަށް ގޮވާލާފައެވެ. އޭގެ އިތުރުން އާއްމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތާއި މަސައްކަތްތެރިންނާއި ސިވިލް ސާވެންޓުންގެ މުސާރަ އަދިވެސް ނިސްބަތުން ކުޑަކަން ޑިމޮކްރެޓުން ފާހަގަކޮށްފައިވެއެވެ.

ސިޔާސީ ފަރާތްތަކުގެ މުސާރަތައް ބޮޑުކުރުމާ ދެކޮޅަށް ރައީސް މުޢިއްޒުވެސް މިއަދުވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ރައީސާއި ނައިބު ރައީސް އަދި ވަޒީރުންގެ މުސާރަ ބޮޑުކުރަން ސަރުކާރުން ބޭނުން ނުވާ ކަމަށެވެ. އަދި މުސާރަ ބޮޑުކުރަން ސަރުކާރުން އެދިފައިނުވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ގެނައި ބަދަލުގެ ސަބަބުން ލިބޭ މުސާރައިގެ ކުރިއެރުން، ކުޑަކުދިންގެ ހިޔާ ފަދަ އިޖުތިމާއީ ފަންޑަކަށް ހަދިޔާކުރައްވަން އެ ބޭފުޅުން ނިންމަވާފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަސާސީ މުސާރަ 120،000ރ. އަށް ބޮޑު ކުރުމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ އަސާސީ މުސާރަ 93،000ރ. އަށް ބޮޑު ކުރުމަށް ފާސްކޮށްފައެވެ. އަދި ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ 74،000ރ. އަށް ބޮޑުކުރުމަށް ވެސް ވަނީ ފާސްކޮށްފަ އެވެ. މުސާރައާއި އެލަވަންސްތަކުގެ ގޮތުގައި ވަޒީރުންނަށް މަހަކު މިހާރު ލިބިވަޑައިގަންނަވަނީ 66،000ރ. އެވެ.

ގާނޫނުއަސާސީ ބުނެފައިވާ ގޮތުގައި ރައީސާއި ނައިބު ރައީސާއި ވަޒީރުންނާއި މެމްބަރުންނާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ މަޖިލީހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން