ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިހާބާ ގުޅޭ ހުރިހާ ކަމެއް، މިވަގުތަށް މަޑުޖައްސާލަން ކޮމިޝަނާ އޮފް ސްޕޯޓްސް އަންގަވައިފިއެވެ.

ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އެފްއޭއެމްގެ ހިންގާ ކޮމިޓީގެ ގިނަ މެންބަރުންތަކެއް އިސްތިއުފާ ދީ، ކޯރަމް ގެއްލިފައިވާ މައްސަލައާ ގުޅޭ މައުލޫމާތު އޮޅުންފިލުވުމަށް އެދުނު ނަމަވެސް އެ މައުލޫމާތަށް އެދިފައިވާ މުއްދަތުގައި ލިބިފައިނުވާ ކަމަށެވެ.

ނަމަވެސް އެފްއޭއެމްގެ ހިންގާ ކޮމިޓީގެ ފަސް މެންބަރެއްގެ އިސްތިއުފާގެ ސިޓީތަކުގެ ކޮޕީ އެ ކޮމިޝަނަށް ލިބިފައިވާ ކަމަށް ވެސް ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދައުރު ހަމަވާން ހަ މަސް ދުވަސް ބާކީ އޮއްވައި، އިންތިހާބު 45 ދުވަހުގެ ތެރޭގައި ބާއްވަން އެގްޒެކެޓިވް ކޮމިޓީން ނިންމި އިރު، އެ ކޮމިޓީގެ ގާނޫނީ ސައްހަކަން ގެއްލިފައިވާ ކަމަށެވެ.

އޭގެ އިތުރުން 24 ނޮވެމްބަރުގައި ހުސްވި، ޖެނެރަލް ސެކްރެޓަރީގެ މަގާމަށްވެސް ގަވާއިދުން ބޭފުޅަކު އައްޔަން ކޮށްފައި ނުވާތީ އާއި ހިންގާ ކޮމިޓީގެ ކޯރަމްވެސް ގެއްލިފައިވާތީ އެ އިދާރާ މިވަގުތު ހިނގަމުންދަނީ ގަވާއިދާ ހިލާފަށް ކަމަށް ބަޔާނުގައިވެއެވެ.

އެހެންކަމުން އަންނަ މަހު 31 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެފްއޭއެމްގެ އިންތިޚާބާ ގުޅޭ ހުރިހާ ކަމެއް އޭއެފްސީއާއި ފީފާ އަދި އޮލިމްޕިކް ކޮމިޓީން ވަކި ގޮތެއް އަންގަންދެން ހުއްޓާލަން ކޮމިޝަނާ އޮފް ސްޕޯޓްސް ވަނީ އެފްއޭއެމަށް އަންގަވާފައެވެ.

އެފްއޭއެމްގެ ރައީސް ބައްސާމްގެ ދައުރު ހަމަވާން ބާކީ ހަ މަސް ދުވަހަށްވެފައި ވަނިކޮށް އިންތިޚާބު އަވަސް ކުރަން އެފްއޭއެމުން ނިންމީ މި މަހުގެ 17 ވަނަ ދުވަހުއެވެ. އިންތިޚާބުގައި ވާދަކުރެއްވުމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ޠާރިޤު އާއި އެފްއޭއެމްގެ އެކްސްކޯ މެމްބަރު ކުލަބު އީގަލްސްގެ ވައިސް ޗެއާމަން މުފާވިޒު ހާޝިމް (މުފާ) މިހާރު ވަނީ ފޯމު ހުށައަޅުއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން