އެމްޑީޕީ އަކީ ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހެދުމުގެ މަސައްކަތްކުރާ ޕާޓީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް ނިސްބަތްވާ 13 މެންބަރުން ވެރިކަން ކުރާ ކޮންގްރެސް ޕާޓީއަށް ސޮއިކުރެއްވުމާ ގުޅިގެން ބިގޭ ވިދާޅުވީ އެމްޑީޕީގެ މެމްބަރުން ބުރަ މަސައްކަތްކޮށް ހޮވި ޕާލަމެންޓް މެމްބަރުން އެހެން ޕާޓީ އަކަށް ދިއުން ރަނގަޅުނޫން ކަމަށެވެ.

އޭގެ އިތުރުން އެމް.ޑީ.ޕީ އަކީ ރާއްޖޭގައި ޑިމޮކްރެސީގެ ހަމަތަކާއި އުސޫލުތައް ވަރުގަދަ ކުރަން އަބަދުވެސް މަސައްކަތް ކުރާ ޕާޓީ ކަމަށާއި އެމްޑީޕީގެ މެންބަރުން އިރާދަކުރެއްވިއްޔާ ދެމިތިބޭނީ ސާބިތުކަމާއެކު ކަމަށް ބިގޭ ވިދާޅުވިއެވެ.

“އެމް.ޑީ.ޕީ އަކީ ރާއްޖެ އެދޭ ހެޔޮ ބަދަލަށް ވަކާލާތުކޮށް ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހެދުމުގެ މަސައްކަތް ކުރާ ޕާޓީ.” ބިގޭ ވިދާޅުވެފައިވެއެވެ.

ބިގޭ އިތުރަށް ވިދާޅުވީ އެމް.ޑީ.ޕީގެ މެމްބަރުންނަކީ ސާބިތުކަމާއެކު ގައުމާއި ރައްޔިތުންގެ ކުރިމަގާއި އުންމީދުތައް ހަގީގަތަކަށް ހަދައިދިނުމުގައި މާޔޫސްކަމެއް، ވަރުބަލިކަމެއް ނެތި މަސައްކަތްކުރާ މެންބަރުން ކަމަށެވެ.

ބިގޭ މިމޭރުމުން ވިދާޅުވެފައިވާއިރު އެމްޑީޕީގެ މެންބަރުންތަކެއް ކޮންގްރެސް ޕާޓީއަށް ގުޅިވަޑައިގަތުމާއެކު މަޖިލީހުގައި އެމްޑީޕީއަށް އޮތް ސުޕަރ މެޖޯރިޓީ ވަނީ އެއްކޮށް ގެއްލިފައެވެ.

ރޭ ޕީއެންސީއަށް އެމްޑީޕީގެ 13 މަޖިލިސް މެންބަރުން ސޮއިކުރެއްވުމާ ގުޅިގެން މަޖިލީހުގައި މިހާރު ތިބީ އެމްޑީޕީގެ 43 މެންބަރުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން