ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގެ އެއްވެސް މަޝްވަރާއެއް އެމްޑީޕީން ނުކުރާ ކަމަށް އެޕާޓީން ހާމަކޮށްފިއެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމާގުޅޭ އެއްވެސް ނިންމުމެއް އެޕާޓީން މިހާތަނަށް ނުނިންމާ ކަމަށެވެ.

ސަލީމް ވިދާޅުވީ އެމްޑީޕީންވެސް ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގެ އެއްވެސް އިރުޝާދެއް މިހާތަނަށް ޕާލިމެންޓަރީ ގްރޫޕަށް ދީފައިނެތް ކަމަށެވެ. އެހެން ނަމަވެސް އިމްޕީޗްމަންޓަކީ ގާނޫނުއަސާސީ އާއި ޤާނޫނުންވެސް ހުއްދަ ކުރާ ކަމެއް ކަމަށް ސަލީމް މިއަދު ވިދާޅުވިއެވެ.

“ވަރަށް ޔަގީންކަމާއެކީ ދަންނަވަން ބޭނުންވޭ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ އެއްވެސް ސްޓޭންޑެއް އެކަމުގައި ނެތް. އަދި އަޅުގަނޑުމެން އެކަމަށް އެޖެންޑާކޮށް ބަހުސެއް ވެސް ކޮށްފައެއް ނެތް.” ސަލީމް ވިދާޅުވިއެވެ.

ސަލީމް މިއަދު ވިދާޅުވީ ރައީސް އަޒުލު ކުރުމުގެ ވާހަކަ އެންމެ އަޑުހަރުކޮށް ދައްކަވަނީ ސަރުކާރަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅުން ކަމަށާއި އެހެންކަމުން އެއީ އެބޭފުޅުންނަށް ރައްޔިތުންގެ އިތުބާރު ގެއްލޭ ކަންތައްތަކެއް ކުރެއްވިފައިވާތީ ދައްކަވާ ވާހަކަފުޅެއްކަމަށް ޤަބޫލުކުރަށްވާ ކަމަށެވެ.

ސަލީމް މިމޭރުމުން މިއަދު ވިދާޅުވެފައިވާއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަޒުލުކުރުމުގެ މައްސަލަ އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕަށް ހުށަހަޅުއްވާނެ ކަމަށް އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު ޝިފާއު ވަނީ ވިދާޅުވެފައެވެ.

އޭގެއިތުރުން ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ މާއްދާތަކަށް އިސްލާހުތަކެއް ގެނައުމަށް މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ފާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން