ޕާޓީ ބަދަލުކުރާ މެންބަރުންގެ ގޮނޑި ގެއްލޭނެ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް އެމްޑީޕީން ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 13 މެންބަރަކު އެމްޑީޕީ ދޫކޮށް ވެރިކަންކުރާ ކޮންގްރެސް ޕާޓީއަށް ބަދަލުވެފައިވާތީ އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހުޅުމާލޭ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް ވިދާޅުވީ އެންޓި ޑިފެކްޝަން ގާނޫނު އެކުލަވާލުމަށް އެޕާޓީން މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ޢަލީ ނިޔާޒް މިއަދު ވިދާޅުވީ އެ ޕާޓީގެ މަޖިލިސް މެމްބަރުންގެ ގޮތުގައި މިވަގުތު ވެސް 43 މެމްބަރުން ތިއްބެވުމުން އަދިވެސް މަޖިލީހުގެ މެޖޯރިޓީ އޮތީ އެމްޑީޕީގެ އަތުގައި ކަމަށެވެ. އަދި މަޖިލީހުގެ މެޖޯރިޓީ ހިފަހައްޓާނެ ކަމަށްވެސް ޢަލީ ނިޔާޒް ވިދާޅުވިއެވެ.

ޢަލީ ނިޔާޒް ވިދާޅުވީ މީގެ ކުރިންވެސް ވެރިކަންތައް ބަދަލުވާއިރު ރައްޔިތުންގެ މަޖިލީހުން އެކަން ފެންނަ ކަމަށާއި އެއްވެސް ބަޔަކަށް އެއް މިންވަރަކަށް ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ހިފެހެއްޓިފައިނުވާ ކަމަށެވެ.

ހަމައެއާއެކު އެންޓި ޑިފެކްޝަން ގާނޫނު އެކުލަވާލަނީ އެމްޑީޕީން މެންބަރުން ވަކިވާތީ ނޫން ކަމަށާއި އެއީ މަޖިލިސް އިސްލާހުކުރުމަށްކުރާ މަސައްކަތެއްކަމަށް ޢަލީ ނިޔާޒް ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ އެންމެ 18 މެމްބަރުން ބައިވެރިވެފައިވާތީ ޢަލީ ނިޔާޒް ވިދާޅުވީ، ބާކީ ތިއްބެވި މެމްބަރުންވެސް ތިއްބެވީ އެމްޑީޕީއާ އެކު ކަމަށާއި އެބޭފުޅުންނަށް މި ޕްރެސްގައި ބައިވެރިނުވެވުނީ މިވަގުތު ރާއްޖޭގައި ނެތުމުން ކަމަށެވެ.

ޕާޓީ ބަދަލުކުރާ މެންބަރުންގެ ގޮނޑި ގެއްލޭ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް އެމްޑީޕީން ފަށާފައިވާއިރު 65 މެންބަރުންނާއެކު 19 ވަނަ މަޖިލީސް ފެށި އެމްޑީޕީގެ މެންބަރުންގެ ޢަދަދު މިހާރު ވަނީ 43 އަށް ދަށްވެ މަޖިލީހުގައި ކުރިންއޮތް އެޕާޓީގެ ސުޕަރ މެޖޯރިޓީ ގެއްލިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން