ރާއްޖެއަށް މިއަދު ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ ރަށްރަށަށް ބޮޑެތި ގެއްލުންތަކެއްވަމުންދާ ކަމަށް ނެޝަނަލް ޑިސާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ހާމަކޮށްފިއެވެ.

އެންޑީއެމްއޭ އިން ބުނީ ވިއްސާރައިގައި ފ. ނިލަންދޫ، ކ.ގުރައިދޫ، ލ.ގަން އަދި ފޮނަދޫ އާއި ސ.މަރަދޫއަށް ގެއްލުން ލިބުނުކަމުގެ ރިޕޯޓުތައް ލިބިފައިވާ ކަމަށެވެ. އޭގެތެރެއިން ކ. ގުރައިދޫ ގެ 20 ގެއެއްގައި ފެންބޮޑުވެ 3 ގެއެއްމެ މީހުން އެހެން ތަންތަނަށް ބަދަލުވެފައިވާ ކަމަށް އެންޑީއެމްއޭ އިން ހާމަކޮށްފައިވެއެވެ.

އެންޑީއެމްއޭއިން ބުނީ ރާއްޖެއަށް މިއަދު ކުރަމުންދާ ވިއްސާރައިގައި ލާމު އަތޮޅުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހި ފެން ބޮޑުވުމާ ގުޅިގެން، މަގުތަކުން ފެން ހިންދުމާއި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ ސިފައިން ފަށާފައިވާ ކަމަށެވެ.

މިހާތަނަށް ލ.ފޮނަދޫގެ 11 ގެއެއްގައާއި، ފ.ނިލަންދޫގެ 2 ގެއެއްގައާއި، ލ.ގަމުގެ ގެއެއްގައި ވެލި ބަސްތާ ޖަހާދީފައިވާއިރު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ ސިފައިން ދަނީ ލ.ފޮނަދޫގެ ހަތަރު ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

އެންޑީއެމްއޭ އިން ވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރައި ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާތީ ވިއްސާރައިގެ ސަބަބުން ލިބިދާނޭ ގެއްލުން ކުޑަކުރުމަށް ދުރާލާ ފިޔަވަޅުއެޅުމަށް އިލްތިމާސް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން