ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް
ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް
އާއަހަރެއް ފެށޭއިރު އެންމެބޮޑު ހިތާމައަކީ ފަލަސްޠީނަށް ދިމާވެފައިވާ ހިތްދަތި ޙާލަތު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މީލާދީ އާ އަހަރުގެ ތަޙްނިޔާ ދިވެހި ރައްޔިތުންނަށް އަރިސްކުރަށްވައި ފޮނުއްވި މެސެޖުގައި ޤާސިމް މިއަދު ވިދާޅުވީ އާއަހަރެއް ފެށޭއިރު، މުސްލިމް އުންމަތަށް ދިމާވެފައިވާ އެންމެބޮޑު ހިތާމައަކީ، ނުހަނު ބޮޑުތަކުލީފާއި، ނިކަމެތިކަން ތަޙައްމަލު ކުރަމުންދާ ފަލަސްޠީނުގެ މުސްލިމުންގެ ހާލަތު ކަމަށެވެ.

“ޝަހީދުވެ ދިޔަ ކުށެއްނެތް އެތަކެއް ހާސް ފުރާނައެވެ. ގެދޮރުގެއްލި، ހާލުގައިތިބި އެތަކެއް މިލިއަން މުސްލިމުންނެވެ. މަރުވެދިޔަ އެތަކެއް ހާސް ކުޑަކުދީންނެވެ.” އަސަރާއެކު ޤާސިމް ވިދާޅުވެފައިވެއެވެ.

ޤާސިމް ވަނީ މިފެށުނު އާއަހަރު ފަލަޞްތީންގެ މުސްލިމުންގެ މަތީން ހަނދާންކޮށް، ސިޙްޔޫނީންގެ ނުބައިކަމުން ޤުދުސްގެ ބިން ރައްކާތެރިކުރައްވާ، ފަލަސްޠީން ގެ ރައްޔިތުންނަށް އަމާންކަމާ، ކާމިޔާބު މި އަހަރު މިންވަރު ކުރައްވުންއެދި ދުޢާ ދަންނަވާފައެވެ.

އަދި އާއަހަރުގައި ދިވެހީންނަށް އުފާވެރިކަމާއި، އިތުރު ކުރިއެރުމާއި، ކާމިޔާބީއާއި، ތަރައްޤީ މިންވަރު ކުރައްވައި، އެކުވެރިކަމާއި އެއްބައެއްވަންތަކަމާއި، ކުލުނާއި ލޯބި ދިވެހީންގެ މެދުގައި އިތުރުވުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ޤާސިމްގެ މެސެޖުގައި ވަނީ ފާހަގަކުރަށްވާފައެވެ.

ޤާސިމް މިމޭރުމުން ފަލަސްތީނުގެ ޙާލަތު ސިފަކޮށްފައިވާއިރު މިދިޔަ އަހަރުގެ އޮކްޓޫބަރު ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީން މީހުންގެ އަދަދު މިހާރުވަނީ އެކާވީސް ހާހަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން