އެފްއޭއެމްގެ ކުރީގެ ރައީސް އަހުމަދު ތާރިޤް (ކ) އަދި އެފްއޭއެމްގެ މިހާރުގެ ރައީސް ބައްސާމް (ވ)
އެފްއޭއެމްގެ ކުރީގެ ރައީސް އަހުމަދު ތާރިޤް (ކ) އަދި އެފްއޭއެމްގެ މިހާރުގެ ރައީސް ބައްސާމް (ވ)
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އެފްއޭއެމަށް އަރާފައިވާ ވިގަނީގެ ކަންކަން ނުނިމެނީސް މިފަހަރު ހުއްޓާލުމެެއްނެތް ކަމަށް އެފްއޭއެމްގެ ކުރީގެ ރައީސް އަހުމަދު ތާރިޤް، ޓޮމް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް އެފްއޭއެމްގެ އިންތިޚާބުގައި ރައީސް ކަމުގެ މަޤާމަށް ވާދަކުރެއްވުމަށް ފޯމު ހުށައަޅުއްވާފައިވާ ޓޮމް ގެންދަވަނީ އެފްއޭއެމްގެ ރައީސް ބައްސާމް ޤާނޫނީ ހަމަތަކުގެ މަތިން މަޤާމުން ދުރުކުރަން މަސައްކަތް ކުރަށްވަމުންނެވެ. އެގޮތުން އެފްއޭއެމްގައި އޮތް ބައްސާމުގެ ބާރުވެރިކަން ނިމުމަކަށް ގެންނަވާނެކަމަށް ޓޮމް ވަނީ ވިދާޅުވެފައެވެ.

އެފްއޭއެމްގެ އިންތިޚާބުގައި ޓޮމް އާ ވާދަކުރަށްވަނީ ކްލަބް އީގަލްސްގެ ސީއީއޯ މުފާވިޒް ހާޝިމެވެ. މުފާ އިންތިޚާބުގައި ވާދަކުރަށްވަނީ އެފްއޭއެމްގެ މިހާރުގެ ރައީސް ބައްސާމް ޢަދީލް ޖަލީލުގެ ތާޢީދާއެކު ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެގޮތުން މުފާއަށް ފުރަތަމަ ޑިވިޝަންގެ 6 ކްލަބަކުން ވަނީ ތާޢީދު ކޮށްފައެވެ.

ނަމަވެސް ޓޮމް ވިދާޅުވީ އެފްއޭއެމްގެ އިންތިޚާބުގައި ފުރަތަމަ ޑިވިޝަންގެ ކްލަބް ވެލެންސިއާއިން އޭނާއަށް ތާޢީދު ކޮށްފައި ވަނިކޮށް ވެލެންސިޔާގެ ތާއީދު ސިޓީ ފޯޖްކޮށްގެން ވާދަވެރި ކެންޑިޑޭޓުވެސް އެފްއޭއެމަށް ހުށަހަޅާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެން ކަމުން ކުލަބު ވެލެންސިޔާގެ ފަރާތުން އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީއަށް ވެލެންސިޔާގެ ސްޓޭންޑް ހާމަކޮށް އިތުރު ސިޓީއެއް މިހާރު ވަނީ ހުށައަޅާފައެވެ.

މި މައްސަލާގައި މުފާ ވިދާޅުވީ އޮޅުވާލައިގެން އެއްވެސް ކަމެއް ނުކުރަށްވާ ކަމަށާއި ޓޮމް ހުށައެޅުއްވި މައްސަލަ ފުލުހުންނާއި އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީން ބެއްލެވުމަށް މަރުޙަބާ ކިޔާ ކަމަށެވެ.

ދެ ކެންޑިޑޭޓުންގެ ތާއީދު ލިސްޓްގައިވެސް ވެލެންސިއާގެ ނަން އޮތުމުން، އެ ކްލަބްގެ އެންޑޯޒްމެންޓް ބަލައި ނުގެންފިނަމަ ޓޮމްގެ ކެންޑިޑޭސީ ބާތިލުވާނެއެވެ. އެއީ އިންތިޚާބުގައި ވާދަކުރަށްވާ ކޮންމެ ކެންޑިޑޭޓަކުވެސް ފުރަތަމަ ޑިވިޝަންގެ 3 ކްލަބްގެ ތާޢީދު ހޯއްދަވަން ޖެހޭތީއެވެ. ވެލެންސިއާގެ އިތުރުން ޓޮމް އަށް ތާޢީދު ކުރަނީ މާޒިޔާ އާއި ޓީސީންނެވެ.

މި މައްސަލާގައި ވެލެންސިޔާގެ ޗެއާމަން އަޒުމީން ސޮއިކޮށް، އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީ އަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ، އެ ކްލަބުގެ ތާއީދު ކުރާ ހަމައެކަނި ކެންޑިޑޭޓަކީ އަހުމަދު ޠާރިޤް (ޓޮމް) ކަމަށެވެ. އަދި އެ ކްލަބްގެ ނަމުގައި އެހެން ކެންޑިޑޭޓަކު ސިޓީއެއް ހުށަހަޅާފައިވާތީ އެ މައްސަލަ ސްޕޯޓްސް ކޮމިޝަނަރަށާއި ޕޮލިހަށް ހުށަހަޅާފައި ވާނެ ކަމަށް އަޒްމީން ވިދާޅުވިއެވެ.

އެފްއޭއެމްގެ އިންތިޚާބާ ގުޅިގެން ހައްސާސް މައްސަލަތަކެއް ފެންމަތިވެފައިވާއިރު ކުރިއަށްއޮތް އެފްއޭއެމްގެ އިންތިޚާބު ކުރިއަށް ނުގެންގޮސް މަޑުޖައްސާލުމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް އަޙްމަދު ޠަލާލް މިހާރުވަނީ އެފްއޭއެމަށް އަންގަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން