ހުއްދަ ނެތި މީހެއްގެ އެކައުންޓުން އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކުރުމުން ނުވަ މަހުގެ ޖަލު ހުކުމެއް މީހަކަށް އިއްވައިފި އެވެ.

ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތުގައި އެ މައްސަލައިގައި ދައުވާ ކޮށްފައި ވަނީ ދަފްތަރު ނަންބަރު ރސ. 8337 އަހުމަދު ޝާޒްލީންގެ މައްޗަށެވެ.

ޝާޒްލީންގެ މައްޗަށް ކުރި ދައުވާގައި ބުނެފައިވާ ގޮތުގައި އޭނާ ވަނީ 2021 ވަނަ އަހަރު ފެބްރުއަރީ މަހު ހުއްދަ ނެތި ތ. ކިނބިދޫ/ ހުދުވެލި، މަރިޔަމް އަޒްރާ ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުން ޝާޒްލީންގެ އެކައުންޓަށް 16،250 ރުފިޔާ ފޮނުވައިފަ އެވެ. އަދި އެ ފައިސާއަށް ވީގޮތެއް ވެސް ޝާޒްލީން އަށް ބުނެދެވިފައެއް ނުވެއެވެ.

އެ މައްސަލައިގައި ގާނޫނުލް އުގޫބާތުގައި ބުނެފައިވާ އަދަބަކީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. އަދި އެހެން އެފަދަ ހުކުމެއް ކޮށްފައިވާ ނަމަ ހުކުމް ބޮޑުވާނެ އެވެ.

އެހެން އެކަން އޮތްއިރު ޝާޒްލީންއަށް ވަނީ 2021 ވަނަ އަހަރު ނޮެވެމްބަރު މަހު ތިން އަހަރުގެ ޖަލު ހުކުމެއް ޑްރަގް ކޯޓުންވެސް އިއްވައިފަ އެވެ.

އެކަަމަކު ކުށަށް އިއުތިރާފްވުމާްއެކު ޝާޒްލީންއަށް ބޮޑު އަދަބު ނުދީ އޭނާގެ މައްޗަށް މިދިޔަ މަހު ފަހުކޮޅު އިއްވީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.

ޝަރީއަތުގައި ޝާޒްލީން އެދިފައި ވަނީ ވެސް ޖޫރިމަނާގެ ހުކުމްގެ ބަދަލުގައި ޖަލު ހުކުމެއް އިއްވައި ދިނުމަށެވެ.

އެކި މީސް މީހުންގެ އެކައުންޓުން އޮޅުވާލައިގެން އެހެން އެކައުންޓްތަކަށް ފައިސާ ފޮނުވުމުގެ މައްސަލަ ވަރަށް ބޮޑެވެ. އަދި އެފަދަ މައްސަލަތައް ނުހުއްޓުވޭތީ އާންމުންގެ ފާޑުކިއުން ވަރަށް ބޮޑަށް އޮވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން