ފަހިދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޙަމްދާން ޝަކީލް
ފަހިދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޙަމްދާން ޝަކީލް
މިއީ ރައްޔިތުންގެ ގޯތިތަށް ހަދަން ލުއިގޮތްތަކެއް ހޯދައިދޭނެ ސަރުކާރެއް ކަމަށް ފަހިދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޙަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.

ޙަމްދާން މި ބީދައިން ވިދާޅުވެފައިމިވަނީ، މިދިޔަ ސަރުކާރުން ހިންގި ހައުސިން ސްކީމްތަކުގެ ދަށުން ގޯއްޗާއި ފްލެޓު ލިބުނު މީހުންނަށް އެތަންތަނުގެ ރަޖިސްޓްރީ އަންނަ ހަފުތާގެ ނިޔަލަށް ހަވާލުކޮށް ނިންމަން ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވުމާ ގުޅިގެންނެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވަޢުދާ އެއްގޮތަށް، ކުރީ ސަރުކާރުގެ ހައުސިން ސްކީމްތަކުގެ ދާއިމީ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް މި ހަފުތާ އާއި އަންނަ ހަފުތާތެރޭގައި ރަޖިސްޓްރީ ހަވާލުކޮށް ނިންމުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

ރައީސް ޑރ. މުޢިއްޒުގެ ބަސްފުޅަށް ބާރުދެއްވަމުން އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ޙަމްދާން ވިދާޅުވީ، މިއީ ރައްޔިތުންގެ ފްލެޓާއި ގޯތި އަތުލާނެ ސަރުކާރެއް ނޫން ކަމަށެވެ. އަދި މިއީ ރައްޔިތުންގެ ފްލެޓާއި ގޯތި ހަވާލުކޮށް ގޯތިތައް ހަދަން ލުއިގޮތްތަކެއް ހޯދައިދޭނެ ސަރުކާރު ކަމަށްވެސް ޙަމްދާން ވިދާޅުވިއެވެ.



ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައިވެސް، އަދި އޭގެ ފަހުންވެސް ރައީސް ޑރ. މުއިއްޒު ގެންދަވަނީ ކުރީ ސަރުކާރުން ގޯއްޗާއި ފްލެޓު ލިބޭނެ ކަމަށް ދާއިމީ ލިސްޓުގައި ހިމެނި، ގެޒެޓުކޮށްފައިވާ އެންމެނަށްވެސް ގޯއްޗާއި ފްލެޓްގެ ރަޖިސްޓްރީ ލިބޭނެ ކަމަށް ތަކުރާރުކޮށް ވައުދުވެވަޑައިގަންނަވަމުންނެވެ.

އޭގެއިތުރުން ކުރީ ސަރުކާރުން ގޯތި ދީފައިވާ ބައެއް ތަންތަނަކީ ނުހިއްކާ ހުރި ތަންތަން ކަމުން އެ ތަންތަން ހިއްކުމުގެ މަސައްކަތްވެސް ބާރަށް ކުރިއަށްދާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ގުޅީފަޅާއި ގިރާވަރުފަޅުން އިތުރަށް ބިން ހިއްކުމަށް ތައްޔާރުވަމުންދާ ކަމަށް ވެސް އެމަނިކުފާނު އިއްޔެ ވިދާޅުވި އެވެ.

މި ސަރުކާރުން ފުށިދިއްގަރު ފަޅުގައި ތަރައްޤީކުރާ "ރަސްމާލެ" މަޝްރޫއުގެ މަސައްކަތް ފަށާފައިވާއިރު، ކުރީ ސަރުކާރުގެ "ބިންވެރިޔާ" ސްކީމްގައި ހިމެނޭ ތަނަކުން ގޯއްޗެއް އަތުނުލައްވާނެ ކަމަށާއި، އެމީސްމީހުން ރަސްމާލެއަށް ބަދަލު ނުކުރައްވާނެ ކަމުގެ ޔަގީންކަންވެސް ރައީސް މުޢިއްޒު ވަނީ ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން