މިނިސްޓްރީ އޮފް ޓްރާންސްޕޯޓްގައި ބޭނުންކުރާ މެޓްރިކް ނިޒާމުތައް ޒަމާނާ ނުގުޅޭ ކަމަށާއި އެ ނިޒާމުތައް ބަދަލުކޮށް ޒަމާނީ ކުރަން ޖެހޭކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ ޓްރާންސްޕޯޓުން މިދިޔަ ހަތަރު އަހަރު ބޭނުންކުރަމުން ދިޔަ އޮންލައިން މެޓްރިކް ސޮފްޓްވެއާ ވަނީ ބަދަލު ކުރަން ޖެހިފައި ކަމަށެވެ. އަދި ސޮފްޓްވެއާ ޒަމާނީ ކުރުމުން މި ނިޒާމާއި މިނިސްޓްރީގެ ކަންކަން އިތުރަށް ރައްކާތެރިވެގެން ދާނެ ކަމަށްވެސް ވިދާޅުވި އެވެ.

"ބޭނުންކުރެވެމުން މިދަނީ ވަރަށް މުސްކުޅި، ޒަމާނަށް ނުފެތޭ މެޓްރިކް ސޮފްޓްވެއާއެއް،" އަމީން ވިދާޅުވި އެވެ.

އަމީން އިތުރަށް ވިދާޅުވީ މި ނިޒާމުގެ ރައްކާތެރިކަން އިތުރުކުރުމަށް މުހިންމުކަން ދޭންޖެހެނީ ސޮފްޓްވެއާގެ "ބެކް އެންޑް" އަށް ވަދެގެން ގޯސްތަކެއް ހަދާ ކަމަށް ފާހަގަ ކުރެވިފައި ވާތީ ކަމަށެވެ. އެހެންކަމުން ވަރަށް އަވަހަށް މިނިސްޓްރީގެ ހިންގުމާ ބެހޭ ފުރިހަމަ އޮޑިޓެއް ނެގި ރަނގަޅު ފިޔަވަޅުތަކެއް އެޅިގެންދާނެ ކަމަށްވެސް އަމީން ވިދާޅުވި އެވެ.

ރާއްޖޭގައި ދުއްވާ އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމުގެ ނިޒާމުގެ ވާހަކަ ދައްކަވަމުން އަމީން ވަނީ އެ ހިދުމަތް ބޭނުންކުރުމުގައި ދަތިތަކެއް ދިމާވާކަން ފާހަގަ ކުރައްވާފަ އެވެ. އެގޮތުން ދިމާވާ އެއް ދައްޗަކީ އެކި ޕޯޓަލްތަކުން މިނިސްޓްރީގެ ހިދުމަތްތައް ހޯދަން ޖެހުން ކަމުގައިވެސް އަމީން ވިދާޅުވި އެވެ. މި މައްސަލަ ހައްލުކުރުމަށް ތިން މަސްދުވަހާއި ހަތަރު މަސްދުވަސްވަރު ނަގާނެ ކަމަށާއި އެމުއްދަތުގެ ތެރޭގައި އާ ޕޯޓަލެއް ގާއިމް ކުރެވި މިނިސްޓްރީގެ ހުރިހާ ހިދުމަތެއް އެއްތަނަކުން ލިބޭނެ ނިޒާމެއް އާންމުންނާ ހަމައަށް ގެނެވޭނެ ކަމަށްވެސް މިނިސްޓަ ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން