އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް
އެމްޑީޕީއަކީ ޑިމޮކްރެޓިކް ޕާޓީއެއް ކަމަށާއި، ޕްރައިމަރީއާ ނުލައި މަޖިލީސް އިންތިޚާބުގައި ވާދަކުރުމަށް ޕާޓީގެ ޓިކެޓް ނުދެވޭނެ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާއަކަށް ރޭ ދެއްވި ބަސްދީގަތުމެއްގައި ފައްޔާޒް ވިދާޅުވީ، އެމްޑީޕީއިން ވަކިވެ ދާދިފަހުން ކޮންގްރެސް ޕާޓީއާ ގުޅިވަޑައިގެންނެވި ބައެއް ބޭފުޅުންގެ މައިގަނޑު ކަންބޮޑުވުމަކީ އެބޭފުޅުންނަށް ޕްރައިމަރީއަކާ ނުލައި ޕާޓީގެ ޓިކެޓް ނުލިބުން ކަމަށެވެ. ނަމަވެސް އެމްޑީޕީގެ އަސާސީ ޤަވާއިދު މިހާރު އޮތްގޮތުން އެއީ ކުރެވޭނެ ކަމެއް ނޫންކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ، އެމްޑީޕީއަކީ ޑިމޮކްރެޓިކް ޕާޓީއެއް ކަމަށާއި، އެޕާޓީ ހިނގަމުންދަނީ ލިޔެވިފައި އޮތް އުސޫލުތަކެއްގެ މަތިންކަމަށެވެ. އެހެންކަމުން ހުރިހާކަމެއްވެސް ހިނގަމުންދާނީ އެ އުސޫލުތަކާ އެއްގޮތަށް ކަމަށާއި، އެނޫން ގޮތަކަށް ކަންކުރަން ބޭނުން ވާނަމަ އަސާސީ ޤަވާއިދަށް ބަދަލުގެނައުމުގެ ފުރުސަތު ޤައުމީ މަޖިލީހުގެ މެންބަރުންނަށް ލިބިގެންވާ ކަމަށެވެ.

އޭނާގެ އަމިއްލަ ވިސްނުމުގައި ޕާޓީއަށް އިޚްލާސްތެރިކަމާއެކު ޚިދުމަތް ކުރަށްވާ މެންބަރުންނަށް ޕާޓީގެ ޓިކެޓް ލިބުމުގައި ލުއި ގޮތްތަކެއް އޮންނަންޖެހޭ ކަމަށް ދެކެލައްވާ ކަމަށްވެސް ފައްޔާޒް ރޭ ވިދާޅުވިއެވެ. ނަމަވެސް މިވަގުތު ކުރެވެން އޮތް ކަމަކީ ޕްރައިމަރީއަށް ގިނަ ބަޔަކު ކުރިމަތިލާފައިވާނަމަ ވާހަކަ ދައްކައިގެން ޚިޔާލު އެއްގޮތްކުރުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

"ބައެއް ބޭފުޅުން އަޅުގަނޑުމެންނަށް ޑިމާންޑު ކުރި ޓިކެޓު އެބޭފުޅުންނަށް ޕްރައިމަރީއެއް ނުބާއްވައި ދޭން، އެކަމެއް ނުކުރެވޭނެ އަޅުގަނޑުމެންނަކަށް، އަޅުގަނޑުމެންގެ އަސާސީ ގަވާއިދު އެއަކަށް ޖާގައެއް ނުދޭ." ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް މިމޭރުމުން ވިދާޅުވެފައިވާއިރު އެމްޑީޕީ ދޫކުރަށްވައި ކޮންގްރެސް ޕާޓީއާ ގުޅިވަޑައިގެންނެވި ބައެއް ބޭފުޅުން ވިދާޅުވެފައިވަނީ އެބޭފުޅުން އެ ނިންމެވުން ނިންމެވުމަށް މަޖުބޫރުވީ މަޖިލީހުގައިއޮތް އެމްޑީޕީގެ މެޖޯރިޓީ ބޭނުންކޮށްގެން ސަރުކާރަށް ދަތިކުރުމަށް މަސައްކަތް ކުރުމުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން