ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި މަހުޒޫމް މާޖިދު މީސް މީޑިއާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްވާގޮތަށް ޕޯސްޓުތަކެއް ކޮއްފައިވުމާ ގުޅިގެން އެފަރާތްތައް މަގާމުން ސަސްޕެންޑުކޮށްފި އެވެ.

މި ތިން މީހުން މަގާމުން ސަސްޕެންޑް ކޮށްފައިވަނީ ސީދާ އެމީހުން ކުރެއްވި ޕޯސްޓްތަކާ ގުޅިގެންކަމަށް ރައީސް އޮފީހުންވަނީ ޔަގީން ކޮށްދީފަ އެވެ.

މި މައްސަލައިގައި ފޮރިން މިނިސްްޓްރީއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ބޭރުގެ ލީޑަރުންނާއި މަތީ ފަންތީގެ ފަރާތްތަކާ ދެކޮޅަށް ވާހަކަތައް ދައްކާފައިވާކަމަށް ސަރުކާރަށް އެނގޭކަމަށާއި މި ރައުޔުތަކަކީ ޒާތީ ރައުޔުތަކެއް ކަމަށްވާތީ އެއީ ދިވެހި ސަރުކާރުގެ ވިސްނުން ތަމްސީލުކުރާ ރައުޔުތަކެއް ނޫންކަމަށެވެ.

ހިޔާލުފާޅުކުރުމުގެ މިނިވަންކަން ޑިމޮކްރެޓިކް އަދި ޒިންމާދާރު ގޮތެއްގައި ބޭނުންކުރަންޖެހޭ ކަމަށާއި، ނަފްރަތު ފެތުރުމާއި، ރާއްޖެއާއި ބައިނަލްއަޤްވާމީ ބައިވެރިންނާ ދެމެދު އޮންނަ ގާތް ގުޅުންތަކަށް ހުރަސްއެޅޭނެ ގޮތްތަކަށް ވާހަކަދެއްކިގެން ނުވާނެ ކަމަށްވެސް މިނިސްޓްރީއިން ބުުނެ އެވެ. އެހެންކަމުން މިފަދަ އިބާރާތްތަކުން ވާހަކަތައް ދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ފަސްނުޖެހޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

މި މައްސަލައިގައި މަޖިލިސް މެމްބަރު އިބްރާހިމް ޝަރީފްވެސް ވިދާޅުވެފައިވަނީ ސަރުކާރުގެ އިސްވެރިން އެހެން ޤައުމުތަކުގެ އެކްޓިވިސްޓުންނާއެކު ބޭކާރު ސިޔާސީ ޖަދަލުތަކުގައި ބައިވެރިވެގެން ނުވާނެކަމަށާއި ހާއްސަކޮށް ރާއްޖެއާ އެހާ ގާތް ގުޅުމެއް އޮންނަ ގައުމަކާ މެދު އެފަދަ ވިސްނުން ގެންގުޅެގެން ނުވާނެ ކަމަށެވެ.

"ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ގާތް ގުޅުމަކީ އިގްތިސާދީ ކުރިއެރުމަށް މުހިއްމު ގުޅުމެއް. އަދި ސަރަޙައްދުގައި ސުލްހައާއި އަމާންކަމާއި ހަމަޖެހުން ދެމެހެއްޓުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ ކަމެއް،" ޝަރީފް ވިދާލުވި އެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ އިންޑިއާއާ ދެކޮޅަށް ބައެއް އެކްޓިވިސްޓުން ބޭނުންކުރާ ވާހަކަތަކަކީ ހަމައެކަނި ބިރުވެރި ކަމެއް ނޫން ކަމަށާއި އެއީ ނުރައްކާތެރި، ގައުމުގެ މަސްލަހަތަށް ޚިދުމަތް ނުކުރާ ވާހަކަތަކެއް ކަމަށެވެ.

މި މައްސަލަ ކުރިމަތިވެފައިވަނީ ލަކްޝަދީޕް ޕްރޮމޯޓުކުރުމަށް މޯދީ ނަގާފައިވާ ފޮޓޯތައްބޭނުންކޮށް އިންޑިއާގައި ރާއްޖޭގެ ފަތުރުވެރިކަމާ ދެކޮޅަށް ކުރަމުންދިޔަ ކެމްޕެއިންތަކުގެ ސަބަބުން ނެވެ. މި ކެމްޕެއިނާ ދެކޮޅަށް ސޯޝަލް މީޑިއާގައި ވަރަށް ގިނަ ދިވެހިން ވެސް ދަނީ ޚިޔާލުފާޅުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން