ކުރީގެ ސަރުކާރުން ދޫކޮށްލި ކަމަށްބުނާ ކަނޑުގެ ސަރަހައްދު އަނބުރާ ހޯދުމަށް އިޓްލޮސްގައި އިސްތިއުނާފުކުރުމަށް މައްސަލަ ދިރާސާކުރަން މޮލްޓާގެ ޕްރޮފެސަރެއް ރާއްޖެ އައިސް މަސައްކަތް ފަށައިފި ކަމަށް ޕްރިންސަޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިއަދުގެ ކެބިނެޓު މަޝްވަރާތަކާ ބެހޭގޮތުން މީޑިއާ ތަކާ މައުލޫމާތު ހިއްސާކުރުމަށް ރައީސް އޮފީހުން ބޭއްވި ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ މިދިޔަ ސަރުކާރުން "ވިއްކާލި" ކަނޑުގެ ސަރަހައްދު އަނބުރާ ހޯދުމަށް މަޝްވަރާތައް ކުރިއަށްދާ ކަމަށާއި އެ މަސަައްކަތް ވަރަށް ބާރު މިނެއްގައި ކުރިއަށްދާ ކަމަށެވެ. އަދި މި މައްސަލައިގައި ބޭނުންވާ ދިރާސާތައް ކުރުމަށް މޮލްޓާގެ ޕްރޮފެސަރެއް މިހާރު ރާއްޖެ އައިސް މަސައްކަތް ފަށާފައިވާ ކަމަށާއި މީގެ އިރުރުން ޔޫކޭގެ ޕްރޮފެސަރެއްވެސް ދިރާސާތަކެއް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެ ބޭފުޅުންގެ އިތުރު މައުލޫމާތެއް ހިއްސާ ކޮއްފައެއް ނުވެއެވެ.

މީގެ އިތުރުން ނާޒިމް ވިދާޅުވީ ރާއްޖޭގައި ތިވި އިންޑިއާ ސިފައިން ފޮނުވާލުމުގައިވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރިއަށްދާ ކަމަށާއި އޭގެ ތެރެއިން ދިހަ ބައްދަލުވުމެއް އިންޑިއާ އޮފިޝަލުންނާއެކު ބާއްވާފައިވާ ކަމަށެވެ. އަދި މި މަސްތެރޭގައި އިތުރު ބައްދަލުވުމެއްވެސް ތާވަލްކޮއްފައިވާ ކަމަށާއި ޑިޕްލޮމެޓިކް ނިޒާމަކުން އިންޑިއާ ސިފައިން އެމީހުންގެ އަމިއްލަ ގައުމަށް ވަރަށް އަވަހަށް ފޮނުވިދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މި މައްސަލައިގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނާޒިމް ވިދާޅުވީ މިކަން ކުރަމުންދަނީ ދެ ގައުމެއްގެ ދެމެދުގައި ހިނގަމުންދާ މިފަދަ މައްސަލައެއް ކުރިއަށް ގެންދިއުމުގައި ބަލަންޖެހޭ ހުރިހާ ގާނޫނީ ނިޒާމަކަށް ބެލުމަށް ފަހު ކަމަށާއި މި ނިޒާމުތަކުގެ ތެރެއިން ދެވޭ އެންމެ އަވަހަކަށް މި މައްސަލަ ސަރުކާރުން ބަލަމުންދާ ކަމަށެވެ. އަދި ސަރުކާރާއި ދިވެހި ރައްޔިތުންވެސް މިރާއްޖޭގައި ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބުމަށް ބޭނުންނުވާ ކަމަށްވެސް ނާޒިމް ވަނީ ތަކުރާރު ކުރައްވާފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން