އަޙްމަދު އަސްހަމް ޢަބްދުލްޢަޒީޒު   9 ޖެނުއަރީ 2024 - 22:0
2022 ވަނަ އަހަރަށްވުރެ މިދިޔަ 2023 ވަނަ އަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 12 އިންސައްތަ މައްޗަށް ގޮސްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ރާއްޖޭގެ އިމިގްރޭޝަން ޑިޕާޓްމަންޓުން މިއަދު ނެރުނު ތަފާސް ހިސާބަށް ބަލާއިރު މިދިޔަ އަހަރުު ރާއްޖެއައި ފަތުރުވެރިންގެ ޖުމްލަ އަދަދަކީ 1،878،539 އެވެ.

އިމިގްރޭޝަނުން ބުނެފައިވަނީ އެހެން އަހަރުތަކޭވެސް އެއްފަދައިން ވޭތުވެދިޔަ އަހަރަކީވެސް ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ކާމިޔާބީއެއް ލިބުނު އަހަރެއް ކަމަށެވެ.

މިދިޔަ އަހަރު ޑިސެމްބަރު މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 194،691އަށް އަރަ އެވެ. މީ އޭގެ ކުރީއަހަރު ޑިސެމްބަރު މަހު އައި ފަތުރުވެރިންނަށްވުރެ 5.78 އިންސައްތަ އިތުރު އަދަދެކެވެ. މީގެ އިތުރުން 2023ވަނަ އަހަރުގެ ޑިސެމްބަރުގައި ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 6،280 ފަތުރުވެރިން ރާއްޖެ ޒިޔާރާތް ކޮށްފައިވާ ކަމަށާއި އެންމެ ގިނަ ފަތުރުވެރިން އައި ދުވަހު 8،054 ފަތުރުވެރިން އައިސްފައިވާ ކަމަށް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

މިދިޔަ ޑިސެމްބަރު މަހު ރާއްޖެ ޒިޔާރާތްކޮއްފައިވާ ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކޮއްފައިވަނީ 25,825 ފަތުރުވެރިންނާއެކު އިންޑިއާއިންނެވެ. މިއީ އޭގެ ކުރީ މަހެކޭވެސް އެއްފަދައިން ރާއްޖޭގެ އެއްވަނަ ފަތުރުވެރިންގެ މާކެޓެވެ.

ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ 19،340 ފަތުރުވެރިންނާއެކު އިޓަލީ ވިލާތުންނެވެ. އަދި ތިންވަނައަށް 17،529 ފަތުރުވެރިންނާއެކު ރާއްޖޭގެ ފަތުރުވެރިމާކެޓުން ޖާގަ ހޯދާފައިވަނީ ރަޝިޔާ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން