އިންޑިއާއާއި ރާއްޖެއާއި ދެމެދު މިހާރު އުފެދިގެން އުޅޭ ނުތަނަވަސް ކަމުގެ ޒިންމާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްތަށިފުޅުގައި އެޅުވުމަށްފަހު އެމަނިކުފާނު އަޒުލު ކުރުުމުގެ ވާހަކަ އަނެއްކާވެސް ދައްކަމުން ދާތީ ކުރީގެ ޔޫތް މިނިސްޓަރ އަހްމަދް މަހުލޫފް ފާޑުވިދާޅުވެއްޖެ އެވެ.

ޝޯސަލް މީޑިއާގައި އިންޑިއާއާއި ރާއްޖެއާއި ދެމެދު މިހާރު ފެށިގެން އުޅޭ ވާދަވެރި ޒުވާބުގެ ތެރޭގައި ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރުން އިންޑިއާގެ ބޮޑުވަޒީރަށް ހުތުރު ބަދްތައް ރައްދުވާ ގޮތަށް ވާހަކަ ދެއްކުމާއެކު މައްސަލަ ހޫނުވެފައި ވަނިކޮށް ދަ ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަލީ އާޒިމް ރައީސް ޑރ. މުހައްމަދު މުއިއްޒު އަޒުލު ކުރުުމުގެ ވާހަކަ އަނެއްކާވެސް މީޑިއާގައި ވަނީ ދައްކަވާފަ އެވެ. އޭނާ ވަނީ ޑރ. މުއިޒު މަގާމުން ވަކިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ތައްޔާރުތޯ އިދިކޮޅު އެމްޑީޕީއާ ސުވާލުކުރައްވާފަ އެވެ.

"އިތުބާރު ނެތް ކަމުގެ ވޯޓެއް ފަށަން އެމްޑީޕީއިން ތައްޔާރުތޯ؟" އޭ ވިދާޅުވެ އާޒިމްވަނީ ސުވާލުކުރައްވާފަ އެވެ.

މި މައްސަލައިގައި މަހްލޫފް ވަނީ ޑރ. މުއިޒު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިިހާބު ކުރެވިފައިވަނީ ދަ ޑިމޮކްރެޓްސްގެ ފުރިހަމަ ތާއިދާއެކު ކަމަށް ވިދާޅުވެފަ އެވެ. އަދި އެމަނިކްފާނުގެ ސަރުކާރަށް އަދި ދެމަސް ފުރިހަމަނުވަނީސް ސަރުކާރު ވައްޓާލާ ވާހަކަ ދެއްކުމަކީ ތާއީދު ކުރެވޭ ކަމެއް ނޫން ކަމަށްވެސް މަހްލޫފްވަނީ ވިދާޅުވެފަ އެވެ.

"ރައްޔިތުން އިންތިޙާބުކޮށްފައިވާ ސަރުކާރެއް ގަދަބާރުން / ބަގާވާތަކުން ވައްޓާލުމާއި ދެކޮޅު،" މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފް އިތުރަށް ވިދާޅުވީ ސަރުކާރެއް ގަދަ ބާރުން ވެއްޓުމަކީ ދިވެހިރާއްޖެއަށް ރަނގަޅު ތަޖުރިބާއެއް ނޫންކަމަށާއި އިންތިޙާބުތަކަކީ "ކުޅޭ ކުޅިވަރަކަށް" ވެގެންނުވާނެ ކަމަށެވެ.

އިންޑިއާއާއި ރާއްޖެއާ ދެމެދު މިހާރު ހިނގަމުންދާ މައްސަލައިގައި އިންޑިއާގެ ބައެއް މީޑިއާތަކުންނާއި މީސް މީޑިއާގައި ވަނީ ރާއްޖެ ބޮއިކޮޓް ކުރުމުގެ ކެމްޕޭނެއް ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން