ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު (ވ)
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު (ވ)
މީސް މީޑިއާގައި ޙަރަކާތްތެރިވާ ޙަސަން ކުރުސީ އަކީ އެމަނިކުފާނު ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިމޭރުމުން ވިދާޅުވެފައިވާއިރު މީސް މީޑިއާގައި ރާއްޖެއާއި އިންޑިއާއާއި ދެމެދު ހޫނުވެގެން އުޅޭ މައްސަލައިގައި ޙަސަން ކުރުސީގެ ނަމުގައި ޙަރަކާތްތެރިވާ ފަރާތުން ގެންދަނީ މެދުނުކެނޑި ރާއްޖެއާއި ދެކޮޅަށް ކުރާ އެކްސް ތަކަށް ޖަވާބުދީ ރައްދު ދެމުންނެވެ. ބައެއް ރައްދު ތަކުގައި އިންޑިއާ ސަރުކާރަށާއި، އިންޑިއާ ސަރުކާރުގެ ވެރިންނަށާއި މަޝްހޫރު މީހުންނަށް އަމާޒުކޮށް ބޭއަދަބީ ބަސްތަކުން މުޚާތަބު ކޮށްފައި ހުންނަކަށް ވެސް ފާހަގަކުރެވެއެވެ. އަދި ޙަސަން ކުރުސީއަކީ ރައީސް ނަޝީދާއި އެމަނިކުފާނުގެ އަރިސް ފަރާތްތަކުން ހިންގަމުންދާ އެކައުންޓެއް ކަމަށް ބައެއް ދިވެހިން މީގެ ކުރިން ވަނީ ތުހުމަތުކޮށްފައެވެ.

އިންޑިއާ މީހުންގެ އެކްސް ތަކަށް ކުރުސީ މިގޮތަށް ރައްދުދޭން ފެށުމުން އެ އެކައުންޓަކީ ރައީސް ނަޝީދާއި އެމަނިކުފާނުގެ ދަރިކަނބަލުން މީރާ ހިންގަވާ އެކައުންޓެއް ކަމަށް ބައެއް މީހުން އަންނަނީ ތުހުމަތު ކުރަމުންނެވެ.

އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަށްވައި ރައީސް ނަޝީދު މިއަދުވެސް ވަނީ ޙަސަން ކުރުސީ އަކީ އެމަނިކުފާނު ނޫންކަމަށާއި، އެ އެކައުންޓާ އެއްވެސް ގުޅުމެއް ނެތްކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރަށްވާފައެވެ. އަދި އެ އެކައުންޓާއި އެމަނިކުފާނުގެ ދޮށީ ދަރިކަނބަލުންނާއި ގުޅުވައި ކުރަމުންދާ ތުހުމަތުތައްވެސް އެމަނިކުފާނުވަނީ ދޮގު ކުރަށްވާފައެވެ.

"އެ އެކައުންޓުން އިންޑިއާ އާމެދު ފަތުރަމުންގެންދާ އިދިކީލި ޚިޔާލުތަކަށް އަޅުގަނޑު އެއްވެސްވަރަކަށް ތާޢީދެއް ނުކުރަން." އެމަނިކުފާނަކީ އިންޑިއާއަށް ތާއީދު ކުރަށްވާ ބޭފުޅެއްކަން ހާމަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.



ޙަސަން ކުރުސީއާ އެއްވެސް ގުޅުމެއް ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާއިރު، ހަސަން ކުރުސީގެ ނަމުގައި ހަދައިގެންއުޅޭ އެކައުންޓްގެ ފަހަތުގައިވާ މީހަކު ނުވަތަ ބަޔަކު ހޯދުމަށް ރައީސް މުޙައްމަދު ނަޝީދު ވަނީ ފުލުހުންނަށްވެސް ހުށައަޅުއްވާފައެވެ.

މީސްމީޑިއާގައި ޙަރަކާތްތެރިވާ ޙަސަން ކުރުސީ އިންޑިއާގެ އިސްވެރިންނަށް ފުރައްސާރަ ކުރަމުންދާ މައްސަލަ ބޮޑުވެފައިވާއިރު، ދިވެހި ދައުލަތުގެ އިސް އޮފިޝަލުންތަކެއް އިންޑިއާއަށާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްކޮށް މީސް މީޑިއާގައި ދެއްކެވި ވާހަކަތަކާ ގުޅިގެން ދެޤައުމުގެ ގުޅުމަށް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ.

އެގޮތުން އެމައްސަލަ ހޫނުވެ އެ ތިން ބޭފުޅުން ސަސްޕެންޑްކޮށްފައި ވާއިރު އިންޑިއާގެ މީސް މީޑިއާ އެކްޓިވިސްޓުންނާއި އެ ގައުމުގެ މަޝްހޫރު ބައެއް މީހުންނާއި މީޑިއާތަކުން ވަނީ މިކަމާ ރުޅިގަދަވެ ރާއްޖެއާ ދެކޮޅަށް ތެދުވެފައެވެ.

މިމައްސަލައިގައި އިންޑިއާއާ ރާއްޖޭގެ ގުޅުން ގޯސްވެ އެ ގައުމުން ވަނީ ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިބްރާހިމް ޝިހާބް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ހާޒިރުކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން