އަޙްމަދު އަސްހަމް ޢަބްދުލްޢަޒީޒު   10 ޖެނުއަރީ 2024 - 23:52
އަނެއްކާވެސް ރާއްޖޭގެ މޫސުން ގޯސްވެ މާލެ ސަރަހައްދަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ފެންބޯޑުވުމުގެ މައްސަލަ ހައްލުކުރުމަށް ދިވެހި ސިފައިންނާއި ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓުން ތައްޔާރީ ހާލަތަށް އަތުވެއްޖެއެވެ.

ރާއްޖެގެ މޫސުން އަނެއްކާވެސް ގޯސްވެ ވިއްސާރަ ކުރަން ފަށާފައި މިވަނީ ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖެ ހުރަސްކޮށް އަރަބިކަނޑަށް ޖެހެމުންދިއުމާ ގުޅިގެންކަމަށް މޫސުމާބެހޭ އޮފީހުން ބުނެފައިވެ އެވެ. އަދި މި ކާރިސާގައި ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށްވެސް އެ އޮފީހުން މައުލޫމާތު ދީފައިވެ އެވެ.

މޫސުން ގޯސްވުމާ ގުޅިގެން މެޓް އޮފީހުން ވަނީ ކ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް ރީނދޫ ސަމާލުވެސް މިއަދު ނެރެފަ އެވެ. އަދި ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާހަމައަށް ހުދު ސަމާލު ވަނީ ނެރެފައެވެ.

ޑިފެންސް މިނިސްޓްރީއިން މިއަދު ބުނެފައިވަނީ މި ވިއްސާރައިގައި އެހީތެރިކަން ފޯރުކޮއްދިނުމަށް ފުލުހުންގެ ފަޔަރ އެންޑް ރެސްކިއު ޑިޕާރޓްމެންޓާއި އެންޑީއެމްއޭ އަދި މީގެ އިތުރުން ކަމާބެހޭ އެހެނިހެން މުވައްސަސާތައްވެސް ތައްޔާރީ ޙާލަތުގައި ތިބި ކަމަށެވެ. އަދި ވިއްސާރައިގެ ޙާލަތު ގާތުން ބަލަމުން ގެންދާކަމަށް ވެސްބުނެފައި ވެއެވެ.

ވިއްސާރައިގެ ސަބަބުން މާލެ މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ފުލުހުން ދަނީ ޕަމްޕުތައް ނެރެ ފެން ހިނދުމުގެ މަސައްކަތް ފަށާފަ އެވެ. ފުލުހުން ބުނެފައިވާގޮތުން ވާރޭގެ ސަބަބުން މާލޭގެ ތިން ގެއަކަށް ފެން ވަންނަމުންދާތީ، އެހީތެރިވުމުގެ ގޮތުން މާލެ އޭރިއާ ކޮމާންޑްގެ ސިފައިން ވެލިބަސްތާ ޖެހުމުގެ މަސައްކަތްވެސް ފަށައިފައިވާކަމަށެވެ.

"ދަތުރު ފަތުރު ކުރެއްވުމާއި، ބޭރުތެރޭގައި ޙަރަކާތްތެރިވެ އުޅުއްވުމުގައި މޫސުމަށް ސަމާލުވުމަށް ނަޞޭޙަތްތެރިވަމެވެ." ޑިފެންސް މިނިސްޓްރީއިން އިތުރަށް ބުނެފައިވެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން