ބަންގުލަދޭޝްގެ މީހުން ރާއްޖެއަށް އެތެރެކުރަނީ ވަގުފާރިއަށް ފުރުސަތު ދޭން ކަމަށާއި ކޮންމެ ކޯޓާއަކަށް 10000 ޑޮލަރު ނަގާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީން ގެންސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވަނީ މި ސަރުކާރުން އަނެއްކާވެސް ބަންގްލަދޭޝްގެ ލޭބަރުން ރާއްޖެ އެތެރެވުމުގެ ފުރުސަތު ދޭން ފެށުމުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ފައްޔާޒް ވިދާޅުވީ އޭނާ މިނިސްޓަރު ކަމާ ހަވާލުވެ ވަޑައިގެން ބަންގްލަދޭޝްއަށް ކޯޓާ ދޫކުރުން މަޑުޖައްސާލައި، އޭނާ މަޑު ޖައްސާލެއްވީ ވަރަށް ބޮޑު ވަގު ވިޔަފާރިއެއް ކަމަށެވެ.

އެހެން ނަމަވެސް މިސަރުކާރުން އެ ވިޔަފާރި އަލުން ހުޅުވާލަނީ ކަމަށާއި ހަތަރު ފަސް އަހަރުގެ މެދުކަނޑުމަކަށް ފަހު އެ ވިޔަފާރި އަލުން ހުޅުވާލާއިރު އެ ކޯޓާތަކަށް ޑިމާންޑް ވަރަށް މައްޗަށް ޖެހިފައިވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"10،000 ޑޮލަރު މަދުވެގެން ކޯޓާއަކަށް ނަގާނެ ކަމަށް އަޅުގަނޑަށް ކުޑަވެސް ޝައްކެއް ނެތް. އަޅުގަނޑަކަށް ނޭނގެ ކާކުކަމެއް ނަގާނީ. ބަންގަލްދޭޝް ބައެއް ތޯ ނޫނީ ރާއްޖޭގެ އެޖެންޓެއްތޯ." ނިމިގެން ދިޔަ ސަރުކާރުގައި އެމަސައްކަތް ބެލެހެއްޓުމުގައި އިސްކޮށް ހުންނެވި ވަޒީރު ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ ބަންގްލަދޭޝް މީހުންގެ މައްސަލަ ބޮޑުވެގެން އުޅެނީ ކީއްވެގެން ކަމާމެދު އަޅުގަނޑުމެން ސުވާލުކޮށްލަން ޖެހޭ ކަމަށެވެ.

ހަމަ އެހެންމެ ސަރުކާރަށް ދެ ހަފްތާ ނުވެ އުޅެނިކޮށް ފަޔަށް ހިނި އަރައިގެން އުޅޭހެން ބަންގްލަދޭޝް މީހުން އަލުން ރާއްޖެ ގެންނަން ނިންމުމަކީ ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

"މިހާ ގައުމިއްޔަތު ބޮޑު ބައެއް. މިހާ ބޮޑު މައްސަލައެއް ރާއްޖެ ގަބޫލުކޮށްފައި އޮތް ކަމެއް ބިދޭސީންގެ މައްސަލައަކީ. ކީއްވެތޯއޭ ބަންގަލަދޭޝްއަށް އޮތް ކޯޓާ ހަމަވެފައި އޮއްވާ ކޯޓާ ހަމައެއް ނޫނޭ ކިޔާފަ ތެޅިފޮޅިގެން އެކަމަށް ހުޅުވާލަން މި އުޅެނީ." ފައްޔާޒް ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން