މަސްވެރިކަމުގައި ކަނޑުމަހުގެ ބާވަތްތަކާއި ހިބަރުގެ ބާވަތްތައް ހޯދުމަށް ވައިގެ އުޅަނދެއް ނުވަތަ ޑްރޯން ބޭނުންކުރުން މަނާވާ ސަބަބު ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ކަނޑުމަހުގެ މަސްވެރިކަމުގައި ވައިގެ އުޅަނދެއް ނުވަތަ ޑްރޯން ބޭނުންކުރުން މަނާކޮށްފައިވަނީ 2016 ވަނަ އަހަރު އައި.އޯ.ޓީ.ސީއިން ފާސްކޮށްފައިވާ ގަރާރަކުން ކަމަށެވެ.

އައި.އޯ.ޓީ.ސީއަކީ އިންޑިއާ ކަނޑުގެ ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގައި، ބަލައްޓާ ސަރަހައްދީ ޖަމުއިއްޔާއެވެ. މިޖަމުއިއްޔާގެ ނިންމުންތައް މެންބަރު ގައުމުތަކުން ގައުމީ ފެންވަރުގައި ގާނޫނާއި ގަވާއިދުތަކުން ތަންފީޒުކުރަންޖެހޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.

“މަސްވެރިކަމުގައި ކަނޑުމަހުގެ ބާވަތެއް ނުވަތަ ހިބަރު ހޯދުމަށް ނުވަތަ ހިފުމަށް ވައިގެ އުޅަނދެއް ނުވަތަ ޑްރޯން ބޭނުންކުރުން މަނާކުރުމުގެ ބޭނުމަކީ ޕެސިފިކް ކަނޑުގައި ބޮޑުދަލުގެ މަސްވެރިކަންކުރާ އުޅަނދުތަކުން މަސްއައިން ހޯދުމަށް ހެލިކޮޕްޓަރާ އަދިވެސް އެހެނިހެން ވައިގެ އުޅަނދުތައް ބޭނުންކޮށް މަސްވެރިކަމުގެ 'އެފިޝަންސީ' އިތުރުކުރަމުން ދާތީވެ، އިންޑިއާ ކަނޑުގައި ބޮޑުދަލުގެ މަސްވެރިކަންކުރާ އުޅަނދުތަކުންވެސް މިފަދަ ޓެކްނޮލޮޖީ ބޭނުންކޮށް މަސްވެރިކަމަށް ކުރާ ހޭދަ (ފިޝިން އެފޯޓް) ކުޑަކުރުން ކޮންޓްރޯލް ކުރުމެވެ.” ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

އޭގެ އިތުރުން މިކަމަކީ އިންޑިއާ ކަނޑުގެ ކަނޑުމަހުގެ އާބާދީ ދަށްވިޔަ ނުދީ ދެމެހެއްޓެނިވި މިންވަރެއްގައި ހިފެހެއްޓުމަށް ކަނޑުމަހުގެ މަސްވެރިކަން މެނޭޖްކުރުމަށް އަޅާ ފިޔަވަޅެއް ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މަސްއައިން ހޯދުމަށް ނުވަތަ މަސް ހިފުމަށް ޑްރޯން ނުވަތަ ވައިގެ އުޅަނދެއް ބޭނުންކުރުން ދިވެހިރާއްޖޭގައި މަނާކޮށްފައިވަނީ 2020 ވަނަ އަހަރު ގެޒެޓުކުރެވުނުދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދުންނެވެ. ދިވެހިރާއްޖެއިން އައި.އޯ.ޓީ.ސީގެ މެންބަރަކަށްވީ 2011ވަނަ އަހަރުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން