އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން މުހައްމަދު
އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން މުހައްމަދު
މާލޭގެ ޑީވޯޓަރ ސިސްޓަމް ބަރާބަރަށް މަސައްކަތްކުރާ ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން މުހައްމަދު ވިދާޅުވެއްޖެއެވެ.

މާލެއަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް އަލިއަޅުވާ ލައްވަމުން ރޭ ޓީވީ ޕްރޮގްރާމެއްގައި މަތީން ވިދާޅުވީ މާލެ އަކީ ޕްލޭނެއް އޮވެގެން ތަރައްޤީ ކޮށްފައިވާ ރަށެއް ނޫންކަމަށެވެ. އެގޮތުން މާލެ ހިއްކާފައިވަނީ މާލޭގެ އަސްލު ފަސްގަނޑަށްވުރެ ތިރިކޮށް ކަމަށް މަތީން ވިދާޅުވިއެވެ.

އޭގެ އިތުރުން އެމްޑަބްލިއުއެސްސީގެ ސްޓޯމް ވޯޓަރ ޕަންޕުތައް އިއްޔެވެސް ރަނގަޅަށް މަސައްކަތްކުރި ކަމަށް މަތީން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ދާދިފަހުން ތާރުއަޅައިގެން ތަރައްޤީކުރި އަމީނީ މަގު ޑިޒައިން ކޮށްފައިވަނީ މަގަށް ޖަމާވާ ފެންތައް މަގުގައި ހުރި ޢިމާރާތްތަކުގެ ތެރެއަށް ވަންނަ ގޮތަށްކަމަށް މަތީން ވިދާޅުވިއެވެ.

އެހެންކަމުން ދަޢުލަތުގެ މަޤާމުތަކުގައި ތިއްބަވައިގެން ޚިދުމަތްކުރެއްވި ބޭފުޅުން މާލެއަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯއްދެވުމުގެ ވިސްނުމުގައި މަސައްކަތް ކުރަށްވާފައި ނުވާކަމަށް މަތީން ވިދާޅުވިއެވެ.

“ރައްޔިތުންނަށް މިކުރިމަތިވާ ހުރިހާ އުނދަގުލެއްގެ މައިގަނޑު ސަބަބަކީ ކަންކަމަށް ޤާބިލުނޫން ފަރާތްތަކާ އަޅުގަނޑުމެންގެ ކަންކަން ޙަވާލު ކުރުން.” މަތީން ވިދާޅުވިއެވެ.

މަތީން ވިދާޅުވީ ޑިމޮކްރަސީއެއްގައި ރައްޔިތުންގެ ވިސްނުން ގެންގުޅެންޖެހެނީ ރައްޔިތުންގެ ބޭނުންތައް އެއްމިސްރާބަކަށް ގެންގޮސްދޭނެ ބަޔަކަށް ކަންކަން ޙަވާލުކުރުމުގެ މައްޗަށް ކަމަށެވެ. އެގޮތުން ރައީސް ޔާމީނުގެ ވެރިކަމުގައި މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅާލުމަށް އެޅި ހޮޅީގެ ދެކޮޅު 5 އަހަރުވީއިރުވެސް ނުގުޅިއޮތްކަން މަތީން ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން ފަސްއަހަރު ވެގެން ދިޔައިރު ފެންކުންފުނީގެ ތާނގީ ބަހައްޓަން ދިން ބިމުގެ ރަޖިސްޓްރީވެސް ނުނިމިވާކަމަށް މަތީން ވިދާޅުވިއެވެ. ނަމަވެސް މި ފަސްއަހަރު ނިމިގެންދާއިރު މާލޭގެ ފެންބޮޑުވުމުގެ މައްސަލައަށް ޑރ. މުޢިއްޒުގެ ދުރުވިސްނެވުމާއެކު ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމަށް މަތީން ވިދާޅުވެފައިވެއެވެ.

މަތީން މިމޭރުމުން ވިދާޅުވެފައިވާއިރު މާލެ އަށް އިއްޔެ ކުރި ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން 100 އަށް ވުރެ ގިނަ ގެއަކަށް ވަނީ ފެނުގެ އަސަރުކޮށްފަ އެވެ. އަދި އަށް ގެއަކުން 57 މީހަކު ވަނީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން