އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް
އިންޑިއާގެ ސިޔާސީ ލީޑަރެއް ކަމަށްވާ ސުބްރަމާނިއަން ސްވާމީ ރާއްޖެއާމެދު މިއަދު ދެއްކި ވާހަކަތަކަކީ ނަފްރަތު އުފެއްދުމުގެ ގޮތުން ދެއްކި ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށް ބުނެ އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ސްވާމީ އަށް ރައްދު ދީފިއެވެ.

ކުރިން އިންޑިއާގެ މިނިސްޓަރެއްގެ މަގާމުވެސް ފުރުއްވާފައިވާ އަދި މިހާރު ވެރިކަން ކުރާ ބީޖޭޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ސުބްރަމާނިއަން މިއަދު ވަނީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރު ވައްޓާލައި ރާއްޖެ ހިފަން އިންޑިއާގެ ސިފައިން ފޮނުވަން ގޮވާލާފައެވެ.

ސްވާމީގެ ވާހަކަތައް ކުށްވެރިކޮށް އެމްޑީޕީން އިނގިރޭސިބަހުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ރާއްޖެ އާއި އިންޑިޔާއާ ދެ ގައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް ގާތްގުޅުމަކީ ދެ ގައުމުގެ މެދުގައި އޮންނަ އިހްތިރާމާއި ރައްޔިތުންގެ މެދުގައި އޮންނަ ގުޅުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށެވެ.

އެމްޑީޕީން ބުނީ ސުވާމީގެ ވާހަކަތަކަކީ ދިވެހިންނާއި އިންޑިއާ ރައްޔިތުންނާ ދެމެދު ނަފްރަތު އުފެއްދުމުގެ ގޮތުން ދެއްކި ވަރަށް ޒިންމާދާރުކަން ކުޑަ، ތަސައްރަފު ނުފުދޭ ވާހަކަތަކެއް ކަމަށެވެ. އަދި އެއީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާވެފައިވާ ވާހަކަތަކެއް ނޫން ކަމަށާއި އެހެންކަމުން ސިޔާސީ މަގްބޫލުކަން ހޯދުމަށް ރާއްޖޭގެ ނަން ބޭނުން ނުކުރުމަށް އެމްޑީޕީން ވަނީ ސްވާމީއަށް އިލްތިމާސް ކޮށްފައެވެ.

ހަމައެއާއެކު އިންޑިއާއާމެދު ދިވެހި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ސަބަބުން ސްވާމީ ފަދަ ބޭފުޅުންނަށް އެފަދަ ވާހަކަތައް ދެއްކެވުމުގެ މަގުފަހިވާ ކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

އިންޑިއާއާ ރާއްޖޭގެ ގުޅުން ގޯސްވެފައިވާ މި ދަނޑިވަޅަށް އިޝާރާތްކޮށް ސްވާމީ ވިދާޅުވެފައިވަނީ ރައީސް ޑރ، މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ޒިޔާރަތަށް ފަހު އަންނަ މާޗު މަހު 15އިގެ ކުރިން އިންޑިއާ ސިފައިން ރާއްޖެއިން ބާލަން އަންގާފައިވާ ކަމަށެވެ.

ނަމަވެސް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެކަމާ މެދު އަޅާ ނުލައި "ނަގޫ ފިތިފައި" ހުންނަވާނީތޯ ނޫނީ ރަޖީވް ގާންދީގެ ދުވަސްވަރު ފަދައިން ރާއްޖެއަށް އިންޑިއާ ސިފައިން ފޮނުވައި ރައީސް މުއިއްޒުގެ ވެރިކަން ވައްޓާލާނީތޯ ސްވާމީ ސުވާލު ކުރަށްވާފައި ވެއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމާ ބެހޭގޮތުން މިހާރު ރަސްމީ މަޝްވަރާތައް ފެށިފައިވާއިރު އަންނަ މާޗު 15 ގެ ކުރިން އެކަން ނިންމުމަށް ރައީސް ޑރ މުއިއްޒު ވަނީ ހުށައަޅުއްވާފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގައި އިންޑިއާގެ 80 ސިފައިން އެބަތިބި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން