މިއަދުން ފެށިގެން ދިވެހި އެތްލީޓުނަށް ހަފްތާއަކު ތިން ދުވަހު ތެރަޕީ ނެގޭނެ ގޮތަށް ސަރުކާރުން ހަމަޖައްސައިފިއެވެ.

ސޯޝަލް ސެންޓަރުގައި ދިވެހި ކުޅުންތެރީންނަށް ފަރުވާ ދިނުމަށް ޤާއިމުކުރި މިނިމަމް މެޑިކަލް ރިކުއަރމަންޓްސް ފެސިލިޓީ އިފްތިތާޙް ކުރުމުގެ ޙަފްލާގައި ރޭ ވާހަކަ ދައްކަވަމުން ކުޅިވަރާބެހޭ ވަޒީރު ޢަބްދުالله ރާފިއު ވިދާޅުވީ މިއީ ދިވެހި ކުޅިވަރު ކުޅުންތެރިންނަށް ވަރަށް ބޮޑަށް ބޭނުން ޖެހިފައިވާ ހިދުމަތެއް ކަމަށެވެ. އަދި މި ހިދުމަތުގެ ސަބަބުން ކުޅިވަރުގެ ދާއިރާއަށް ބޮޑު އިންގިލާބީ ބަދަލެއް ފެނިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި ފެސިލިޓީ ޤާއިމްވުމާއެކު ރާއްޖޭގެ އެތްލީޓުން ހަފްތާއަކު ތިން ދުވަހު ތެރަޕީ ނެގޭނެ ގޮތަށް މިއަދުން ފެށިގެން ހަމަޖައްސާނެ ކަމަށެވެ. އަދި އެކަން ކުރުމަށް ހާއްސަ ވެބްސައިޓެއް އިފްތިތާހު ކުރާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އޭގެ އިތުރުން ކުރިއަށް އޮތް ދުވަސްތަކުގައި މިނީ ތެރަޕީއާ ގުޅޭ ހާއްސަ އެޕްލިކޭޝަނެއް ތައާރަފުކޮށް އެޕޮއިންޓްމަންޓް ހެދޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށްވެސް ކުޅިވަރާބެހޭ ވަޒީރު ވިދާޅުވިއެވެ.

"މި އަސާސީ ހިދުމަތަކީ ކުޅިވަރު ކުރިއެރުވުމަށް މިސަރުކާރުން ވިސްނުންތެރިކަމާއެކު ކުޅިވަރު ކުޅޭ ހުރިހާ ފަރާތްތައް ބޭނުންވާ ކަންކަން ދެނެގަނެ، އެ ކަންކަމަށް އަވަސް ހައްލެއް ހޯދުމަށް ކުރާ މަސައްކަތްތަކުގެ އަލިގަދަ ހެއްކެއް،" ރޭގެ ޙަފްލާގައި ރާފިއު ވިދާޅުވި އެވެ.

ރާފިއު ވިދާޅުވީ ކުޅިވަރުގެ ތެރެއިން އެތުލީޓުންނަށް ލިބޭ ތަފާތު އަނިޔާތަކަށް އެ ފެސިލިޓީން އަވަސް ފަރުވާ ލިބޭނެ ކަމަށާއި އޭގެ ސަބަބުން ދާއިމީ ގޮތުން ލިބޭ އަނިޔާތަކުން ސަލާމަތް ވެވޭނެ ކަމަށެވެ. އޭގެ އިތުރުން އެ ފެސިލިޓީން ހަމައެކަނި ފަރުވާ ލިބޭނީ އެތުލީޓުންނަށް ނޫން ކަމަށާއި، ކުޅިވަރު ބަލަން ގޮސް ތިބޭ މީހުންނަށް ވެސް މި ޚިދުމަތް ލިބޭނެ ކަމަށް ރާފިއު ވިދާޅުވިއެވެ.

ގައުމީ އަދި ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ތަންތަނުގައި ކޮންމެހެން ހުންނަން ޖެހޭ ޞިއްޙީ ޚިދުމަތްތަކާބެހޭ މިންގަނޑުތައް އެކުލަވާލުމަކީ މި ސަރުކާރުން ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަމެކެވެ. އަދި ކުޅިވަރު ކުރިއެރުވުމާއި ކުޅުންތެރިންނަށް ބޭނުންވާ ޞިއްޙީ ފަރުވާ އަދި ފިޓްނަސްއާ ގުޅޭކަންކަން ފަހިކޮށްދިނުމަކީވެސް ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން