ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
މިއަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ނޫން ދުވަހެއްކަމުގައި ކަނޑައަޅައިފިއެވެ.

އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރެފައިވާ ދެންނެވުމުގައި ވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކޮންމެ އަހަރެއްގެވެސް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، މީގެފަހުން ސަރުކާރު ބަންދު ނޫން ދުވަހެއްގެގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކަނޑައަޅުއްވާފައިވާ ކަމަށެވެ.

އަދި ރައީސްގެ އެ ނިންމެވުމާ ގުޅިގެން، ރައީސް އޮފީހުގެ ނަންބަރު 2019/4 (21 ޖަނަވަރީ 2019) ދެންނެވުން ބާޠިލުކޮށްފައިވާ ކަމަށް ދެންނެވުމުގައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އާ ދައުރު އަންނަ މަހުގެ ފަސްވަނަ ދުވަހު ފަށަން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ ނިންމަވައިފައެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ސަރުކާރުގެ ސިޔާސަތު ތަކާއި، ސަރުކާރުގެ ތަސައްވުރުތަކާ ގުޅޭގޮތުން ޚާއްސަ ބަޔާނެއް ދެއްވާނެއެވެ. ކުރިން އޮންނަ ގޮތުން ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެކެވެ.

ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ބުނެފައިވަނީ ގައުމުގެ ހާލަތު ‏‏ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ‏‏ހިމެނޭ ރިޔާސީ ބަޔާނެއް ކޮންމެ އަހަރަކުވެސް ރައްޔިތުންގެ މަޖިލީހަށް އިއްވެވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލާޒިމްކުރާ ކަމެއް ކަމަށެވެ.

އެގޮތުން ރިޔާސީ ބަޔާނުގައި އާންމު ގޮތެއްގައި ގައުމުގެ ހާލަތު ބަޔާންކޮށްދޭއިރު، ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭކަަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އަލިއަޅުއްވާލަންވާނެ ކަމަށް އެމާއްދާގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން